ހަބަރު

ފިތުނައިން ދުރުވަން ސިވިލް ސާވަންޓުންގެ ކިބައިން އެދިއްޖެ

Oct 28, 2019
3

ގައުމީ އެއްބައިވަންތަކަމަށް ގުޑުން އަރާ ފަދަ ދަނޑިވަޅުތަކުގައި ގައުމީ މަސްލަހަތު އިސްކޮށް ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ސިވިލް ސާވަންޓުންގެ ކިބައިން އެދިއްޖެ އެވެ.

މާދަމާ ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިވައިގެން ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ ގައުމީ ދުވަހަކީ ގައުމުގެ ކަންކަމާމެދު ވިސްނައި، ގައުމިއްޔަތު ދިރުވައި އަލާކޮށް ގައުމީ މަސްލަހަތަށް ލޮޅުންއަރާފާނެ ކަންކަމާމެދު ސިވިލް ސާވަންޓުންވެސް ވިސްނަންޖެހޭ މުނާސަބަތެއް ކަމަށެވެ.

އެ ގޮތުން ގައުމީ މަސްލަހަތަށް ފުށުއަރާ އަދި ގައުމީ އެއްބައިވަންތަކަމަށް ލޮޅުންއަރާ ދަނޑިވަޅުތަކުގައިވެސް މަޝްވަރާގެ މަތިވެރި އުސޫލަށް ކަމޭހިތައި، ގައުމީ މަސްލަހަތު އިސްކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ސިވިލް ސާވަންޓުންނަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

"... މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއްނެތި، ކަންކަމުގައި ޝިއާރުފާޅުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާވަންޓުންގެ ސުލޫކީ މިންގަޑާއި ހިލާފުވާ ކަންކަމުގައިވެސް ހަދާންކޮށްދެމެވެ،" އެ ކޮމިޝަނުން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ ގޮތުން ވަކި ފަރާތަކަށްނުޖެހި، ސިވިލް ސާވިސްގެ މުވައްޒަފުންނަކީ އޭރު އޮންނަ ސަރުކާރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހިދުމަތްކުރަންތިބޭ ބައެއް ކަމުގައި ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ސިވިލް ސާވަންޓުންގެ ވާޖިބުތައް އަދާކުރުމުގައިވެސް އިސްކަން ދޭންވާނީ ގައުމީ މަސްއޫލިއްޔަތަށާއި، ރައްޔިތުންގެ ލާބައާ މަންފާއަށްކަމަށްވެސް ސިވިލް ސާވިސް ގަވައިދުގައި ބަޔާންކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ވަނީ ހަދާންކޮށްދީފަ އެވެ.

"... ދިވެހި ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ރަސްމީ ގަޑީގައި އޮފިޙުގެ ތެރޭގައި މަސައްކަތާ ނުގުޅޭ ކަންކަމުގައި މަސްއޫލުނުވުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަލުވިކޮށް އަވަހަށް ދިނުމަށާއި، ރަސްމީ ގަޑީގެ ބޭރުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނައާއި ފަސާދަ އުފެދޭގޮތަށް ފުރުސަތު ނުދިނުމަށާއި ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ފަހިވާގޮތަށް ޖާގަނުދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން އެންމެހާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ގައުމީ ދުވަހާ ގުޅުވައިގެން އެފަދަ ބަޔާނެއް ނެރެފައިވަނީ، ހަމަނުޖެހުމަށް ގޮވާލައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބާރު އެޅުމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވާފައިވަނި ކޮށެވެ.

އޭގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބިދޭ އެއްވެ އުޅުމާއި ހިޔާޅު ފާޅު ކުރުމުގެ ހައްގާއި އެ މުވައްޒަފުންނަށް ލިބިދޭ އެ ފަދަ ފުރުސަތުތަކާ ގުޅޭ ގޮތުން މުވައްޒަފުންނާއި ސިވިލް ސާވިސް އޮފީސްތަކުގެ ވެރީން ހޭލުންތެރި ކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމަށް ސީއެސްސީގެ މެންބަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންނެވިކަމަށް މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ ބުނެފަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިނުވުމަށް ކޮމިޝަނުން ބާރުއެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.

އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބާއްވާ އެފަދަ ބައެއް އެއްވުންތަކާއި ހިނގާލުމުގައި އެ ރިޕޯޓް ލިޔުނު މީހުން ދަން ޖައްސައި މަރަން ގޮވި ކަމަށް ބުނާ މައްސަލަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން މިހާތަނަށް ހައްޔަރު ކޮށްފައި ވެސް ވެ އެވެ.

އެމްޑީއެން ގޮވާލައި އެކި ރަށްރަށުގައި އެއްވުންތައް ބާއްވަމުން ދަނިކޮށް، ފުލުހުން ރޭ ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ބައެއް އެއްވުންތައް ބާއްވަމުންދާ ކަމަށެވެ. އެފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ރޭ ބުންޏެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ވެސް ގެންދަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.