ރައީސް މުހައްމަދު ނަޝީދު

ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދު ނުރުހިއްޖެ

ބައެއް މުޒާހަރާތަކުގައި ބައެއް މީހުން މަރަން ގޮވާލަމުން ދާއިރު ވެސް ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ހިފައި އެފަދަ މީހުނާ މެދު ފިޔަވަޅު ނާޅާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅު ކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގިނަ ރަށްރަށުގައި ވަނީ ހިނގާލުންތައް ބާއްވާފަ އެވެ. އެފަދަ ބައެއް ރަށްރަށުގެ ހިނގާލުމުގައި ރިޕޯޓް ލިޔުނު މީހުން ދަން ޖައްސައި މަރަން ގޮވި ކަމަށް ބުނާ މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.

އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބޭއްވި ބައެއް ހިނގާލުންތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްވެސް ފިޔަވަޅެއް ނާޅުއްވާތީ ރައީސް ނަޝީދު ވަނީ މީގެ ކުރިން ވަނީ ނުރުހުން ފާޅު ކުރައްވާ އިމްރާންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރިޕޯޓަށް ހަވާލާ ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓްގައި ބުނާ ދެ މީހަކު ރާއްޖޭން ބޭރަށް ސީރިއާއަށް ހަނގުރާމައަށް ފޮނުވާނެ މީހުން ތަމްރީން ކުރުމުގައި އުޅުނު ކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރަށްރަށުގައި ހިނގާލުންތައް ބާއްވާ އަނެއްކާ ވެސް "ލޭ ހުއްދަ" ކުރަން ގޮވާލާ އަޑު ގަދަވަމުންދާ ކަމަށެވެ.

އެމަނިކުފާނު ތުހުމަތު ކުރެއްވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ކުރާ މުޒާރާތައް ރޭވުުމުގައި އިސްކޮށް އުޅެނީ ވެސް ސީރިއާއަށް ފޮނުވާ މީހުން ތައްޔާރު ކުރުމުގައި އިސްކޮށް އުޅެނީ ވެސް އެއް ބަޔަކު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މުޒާހަރާތައް ރޭވުމުގެ އިސްކޮށް އުޅޭ މީހުން މަސައްކަތް ކުރަމުން ދަނީ ރިޕޯޓެއްގެ ވާހަކަ ފެންމަތި ކޮށް ސީރިއާއަށް ފޮނުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އަޅަން ކަމަށެވެ.

"މި ދިވެހިރާއްޖެއަށް މި ވަގުތަށް ދިމާވެފައިވާ ހައްސާސް މައްސަލަ އެއީ އެހެން ގައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވުން ... އެ ފަރާތްތަކުގެ ތަހުގީގު ސަރުކާރުން ކުރަން ފެށުމުން، އެ ތަހުގީގަށް ހިޔަނި އެޅުމަށް، ހަމަ ސީރިއާއަށް މީހުން ފޮނުވާ މީހުން އެހެން ރިޕޯޓެއްގެ ވާހަކަ ގެނެސްގެން މި ރާއްޖޭގައި ހަމަނުޖެހުން ހިންގަން މި އުޅެނީ،" ނަޝީދު ވިދާޅުވި އެވެ.

ލޭ ހުއްދަ ކުރާ މީހުންނާއި ހަނގުރާމަ އަށް މީހުން ފޮނުވާ ރާއްޖޭގައި އަލްގައިދާ އާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮފިތައް ރާވައި ހިންގާ މީހުން އަޅުގަނޑުމެންނަށް މިއުޅެނީ ތަހުގީގު ނުކުރެވިގެން. ހިފާ ހައްޔަރު ނުކުރެވިގެން، އަޅުގަނޑުމެންނަށް ފެންނަނީ މިއިން އެއްވެސް ކަމަކާ ފިޔަވަޅު ނޭޅޭ ތަން. އެއީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން،
މުހައްމަދު ނަޝީދު | މަޖިލިސް ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައިވާ ދީނަށް ކުޑައިމީސްކޮށް ދައްކާފައިވާ ވާހަކަތައް ސަރުކާރުންނާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ވަކިވަކި ފަރުދުން ކުށްވެރި ކުރާ ކަމަށެވެ. އަދި ސަރުކާރުން ވެސް ބޭނުން ވަނީ އެ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމަށެވެ. "ލޭ ހިންގަން" ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

ހަނގުރާމައަށް ފޮނުވާ މީހުންގެ ނަންތައް ފުލުހުންނަށް ލިބިފައިވާއިރު، ސަރުކާރުން އެދިގެން އެފަދަ މީހުނަށް ފިޔަވަޅު އަޅަން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީ މަޖިލިސް ޗުއްޓީގައި ވެސް ވަނިކޮށް، މަޖިލީހުގެ މެންބަރުން ބުރަ މަސައްކަތް ކުރައްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ގާނޫނުގެ ބޭނުން ހިފައި ފިޔަވަޅު ނާޅާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"ލޭ ހުއްދަ ކުރާ މީހުންނާއި ހަނގުރާމަ އަށް މީހުން ފޮނުވާ ރާއްޖޭގައި އަލްގައިދާ އާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮފިތައް ރާވައި ހިންގާ މީހުން އަޅުގަނޑުމެންނަށް މިއުޅެނީ ތަހުގީގު ނުކުރެވިގެން. ހިފާ ހައްޔަރު ނުކުރެވިގެން، އަޅުގަނޑުމެންނަށް ފެންނަނީ މިއިން އެއްވެސް ކަމަކާ ފިޔަވަޅު ނޭޅޭ ތަން. އެއީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.