މިއީ މިއުޒިކު ކުޅެން ލޯބިކުރި އަދި ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ އެންމެ ބޮޑު ފްރެންޗައިޒް ޓީވީ ޝޯ މޯލްޑިވިއަން އައިޑޮލްގައި މި ދިޔަ ދެ ސީޒަނާއި މިހާރު ކުރިއަށްދާ ސީޒަންގެ އޮޑިޝަންގައި ވެސް ބައިވެރިވެފައިވާ ކުއްޖަކު ހިއްސާ ކުރި ވާހަކަތަކެކެވެ. އޭނާގެ ވާހަކައިގެ ތެރެއަށް ވަދެލަމާ ހެއްޔެވެ؟
އިމްރާން (އަސްލު ނަމެއް ނޫން) އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ބައިވެރިވެ ޝޯ އިން ވަކިވާންޖެހުނީ ތިއޭޓާ ރައުންޑުންނެވެ. ދެ ވަނަ ސީޒަންގައި އޮޑިޝަނުން ކެޓިއިރު މިފަހަރުގެ ސީޒަންގެ އޮޑިޝަނުންގައި ވެސް އޭނާ ބައިވެރިވި އެވެ. -- އިމްރާންގެ އޭނާގެ އައިޑޮލްގެ ފޮޓޯތައް ވެސް ހިއްސާކުރި އެވެ. ނަމަވެސް އެ ފޮޓޯތައް އާންމު ކުރަން ފަހުން ބޭނުން ނުވީ އެވެ.
މިފަހަރު ސީޒަންގެ އޮޑިޝަނުގައި ބައިވެރިވި ފަހުން އިމްރާންއަށް ކުރިމަތިލާންޖެހުނީ އާދަޔާ ހިލާފު ކަމަކާއެވެ. އެކަމެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވީ އެވެ. އެކި ޝޯތަކުގައި މިއުޒިކު ކުޅެމުންއައި އިމްރާން މިހާރު ވަނީ ލަވަ ކިޔުމާއި މިއުޒިކު ކުޅުން ހުއްޓާލާއި އެކަމާ އެއްކޮށް ދުރަށް ގޮސްފަ އެވެ. އޭނާ މިގޮތަށް ނިންމަޖެހުނު ސަބަބު "އަވަސް" އަށް ވަނީ ހިއްސާކޮށްފަ އެވެ.
"މިފަހަރު އައިޑޮލްގައި ބައިވެރިވިފަހުން ކޮންމެ ރެޔަކު ބިރުވެރި ހުވަފެންތަކެއް ފެންނަނީ. ފުރަތަމަ އެހާ ބޮޑަށް އަޅައެއް ނުލަން. އެކަމަކު ދުވަހެއް ދުވަހަކަށް އެކަންތައް ބޮޑުވީ." މިހާރު އުމުރުން 20 އަހަރުގެ އިމްރާން ބުންޏެވެ. "ކޮންމެ ރެޔަކު ހުވަފެނުން ފެންނަނީ ހުދު މީހެއް. އެމީހާ އަހަރެން ކައިރި ބުނަނީ ލަވަކިޔުން ހުއްޓާލާށޭ. މިއުޒިކު ކުޅުމާއި ދުރަށް ދާށޭ. ތިއީ ރަނގަޅު ކަމެއް ނޫނޭ. އިސްލާހުވާށޭ."
"އަހަރެންގެ ކޮޓަރީގައި ހުރޭ މިއުޒިކު ކުޅެން ބޭނުންކުރާ ބައިވަރު އިންސްޓުރޫމެންޓްސް. ގިޓާ އާއި ޑްރަމް ސެޓާ އެއްޗެހި. ދެން އެއް ރެޔަކު އަހަރެން ފެންވަރަން ފާހާނައަށް ވަދެ ހުއްޓާ އިވެނީ ވަރަށް ބާރަށް އެ އެއްޗެހިން މިއުޒިކު ކުޅޭ އަޑު. އެކަމަކު ފާހާނާއިން ނިކުމެ ކޮޓަރި ބެލިއިރު އެއްވެސް މީހެއް ނެތް ފެންނާކަށް،"
މިއުޒިކު ކުޅުމަށް އިމްރާން ގެންގުޅު ހުރިހާ ސާމާނެއް އޭނާ ވަނީ އަންދާވެސް ލާފަ އެވެ. "ވަރަށް ގިނަ މީހުން އައި އެ އެއްޗެހި ގަންނަން ވެސް. އެކަމަކު އަހަރެން ބޭނުންވީ އެ ހުރިހާ އެއްޗެއް އަންދާލަން. އެ އެއްޗެހި ބޭނުންކޮށްގެން އިތުރު މީހަކަށް ފާފަކުރަން ފުރުސަތުދޭކަށް ބޭނުމެއް ނޫން." އިމްރާން ބުންޏެވެ.
މި ވާހަކަ އާންމުކޮށް ހިއްސާކުރަން އޭނާ ބޭނުން ވަނީ ކީއްވެތޯ "އަވަސް" އިން ސުވާލު ކުރުމުން އިމްރާން ބުނީ "އަހަރެން ބޭނުންވަނީ އެންމެނަށްވެސް އަންގަން މިއުޒިކު ކުޅުމަކީ ރަނގަޅު ކަމެއް ނޫންކަން. މިއުޒިކާ ދުރަށް ގޮސް އެންމެ އިސްލާހުވާން. މި ކުރެވެނީ ވަރަށް ބޮޑު ފާފައެއް." ކަމަށެވެ.