މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިއާ މާޓްނަރަކަށް އަވަސް ހަމަޖެހިގެން ދިއުމާ ގުޅިގެން މި ޝޯގެ ޕްރޮޑަކްޝަން ޓީމުގެ ކޮޓަރިތަކަށް ޒިޔާރަތްކޮށް އެމީހުންގެ މި ބުރަ އަދި އެހާމެ އާދަޔާހިލާފު މަސައްކަތް ބަލައިލުމުގެ ފުރުސަތު އަވަސްގެ ޓީމަށް ލިބިގެން ދިޔަ އެވެ. އެންމެން ވެސް އުޅުނީ ވަރަށް ވެސް އަވަދިނެތި އެވެ.
ވާނީ ވެސް އެހެންނެވެ. މިރޭ ޓީވީއެމް އިން ޕްރިމިއާކުރާ "މޯލްޑިވިއަން އައިޑޮލް" އަކީ މީގެ ކުރިން ރާއްޖެ ތަޖުރިބާކޮށްފައިވާ ފެންވަރުގެ މަސައްކަތަކަށް ނުވާތީ އެވެ. ފަހަރެއްގައި ޓީވީއެމް އިން ވެސް އާދަޔާހިލާފު ޓީމެއް މި މަސައްކަތަށް ނަގައިގެން އުޅެނީ އެހެންވެ އެވެ.
އަމަލީ ގޮތުން ރެއާއި ދުވާލު މޯލްޑިވިއަން އައިޑޮލްގެ މަސައްކަތަށް ހުސްވެގެން ޓީވީއެމްގައި 35 މުވައްޒަފަކު ތިބިއިރު މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމުގެ ޖުމްލަ ގާތްގަނޑަކަށް 150އާ ގާތްކުރެ އެވެ.
"މިއީ ޓީވީއެމް އިން މިފަދަ ޝޯއަކަށް އެކުލަވައިލި އެންމެ ބޮޑު ޓީމު. އަދި މިފަދަ ގޮތަކަށް ކުރާ އެންމެ ބޮޑު މަސައްކަތް ވެސްމެ،" ޕްރޮޑަކްޝަން ޓީމުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
"މިއީ އެންމެން ވެސް ވަރަށް ލޯބިން ކުރާ މަސައްކަތެއް. އެންމެން ވެސް ވަރަށް ކުރާ ހިތުން މި މަސައްކަތުގައި ބައިވެރިވަނީ. ވަކިން ހާއްސަކޮށް ޕީއެސްއެމްގެ އިސްވެރިންގެ ފަރާތުން ލިބޭ އާދަޔާހިލާފު އެއްބާރުލުމާއި އަމަލީ އެހީ ވެސް މިފަހަރު ތަފާތު."
ޔަގީނަށް ވެސް ރާއްޖޭގައި މީގެ ކުރިން ނުއުފައްދާ ފެންވަރުގެ ޝޯއަކަށް "މޯލްޑިވިއަން އައިޑޮލް" ގެ މަސައްކަތް ވެފައި މި އޮތީ މި ސަބަބާ ހެދިކަން ޔަގީނެވެ. މި ޝޯގެ މަސައްކަތް ގާތުން ބަލަމުން އަންނަ، މި ފްރެންޗައިސްގެ ބެލެނިވެރިޔާ ފްރިމެންޓަލް މީޑިއާގެ އިންޑިއާ ގޮފީގެ އިސްވެރިން ވެސް ތިބީ ޕީއެސްއެމްގެ މި އުފެއްދުމާ އެކު އުފަލުން އަތް ޖަހައިލަ ޖަހައިލަ އެވެ.
"މެސެޖުކޮށްފައި އެތަނުގެ އިސް ވެރިން ވިދާޅުވެފައި ވަނީ ވަރަށް ފަހުރުވެރިވާ ވާހަކަ ދިވެހިންގެ މި މަސައްކަތާ މެދު. ލިބިފައިވާ މަދު ރިސޯސްތަކާ އެކު ޓީވީއެމް އިން އުފައްދާފައިވާ މި މަސައްކަތް ބަލައިލުމަށް ކެތްމަދުވެފައި ތިބި ވާހަކަ ވެސް ބުނި،" ޕްރޮޑަކްޝަން ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޓީވީއެމް އިން މޯލްޑިވިއަން އައިޑޮލް ހަގީގަތަށް ހެދުމުގެ ދަތުރު ފަށައި އޮޑިޝަންތައް ރިކޯޑްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއަށް ފަހު ޓީވީއެމްގެ މި މެގަ ޕްރޮޖެކްޓްގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ މުވައްޒަފުންނަށް ހަމަ ނިދި ވެސް ނުލިބެ އެވެ.
އޮޑިޝަންތައް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނމަ ދުވަހުގެ ނިޔަލަށް އެއްކޮށް ޝޫޓްކޮށް ނިންމައިފަ އެވެ. އެކަމަކު އަދި މި ޝޯގެ އެންމެ ބުރަ މަސައްކަތް ކުރިއަށް އޮތީ އެވެ.
"އަދި ކުރިއަށް އޮތީ އަސްލު މަސައްކަތް،" ޝޯއަށް ހާއްސަކޮށްގެން ހަދާ ސްޓޭޖުގެ ސެޓް އަވަސްގެ ޓީމަށް ދައްކާލުމުގެ ޓުއާގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.
ޝޯއަށް ހާއްސަކޮށްގެން ތައްޔާރުކުރާ ސްޓޭޖު ސެޓަކީ ވެސް ރާއްޖޭގައި މިފަދަ ޝޯއަކަށް ތައްޔާރުކުރާ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ސެޓްކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެހެން ނަމަވެސް ޔަގީނަށް ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާނީ މި ޝޯގެ ހުށަހެޅުމަށާއި ތިން ޖަޖުންގެ އާދަޔާހިލާފުކަމަށާއި ބައިވެރިންގެ އާދަޔާހިލާފު ވާހަކަތަކަށްކަން ޔަގީނެވެ.
ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިނުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އައިޑޮލްގެ ކޮންމެ އެޕިސޯޑަކީ ވެސް ފޫހިކަމެއް ނެތި ނިންމާލެވޭ ބޮޑު މަޖާގަނޑެއް ނުވަތަ ހުނަރުވެރި އެތައް ބަޔަކު އާންމުނަށް ތައާރަފްކޮށްދޭނެ އެޕިސޯޑްތަކެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.
އެގޮތުން ހެއްވާ މަޖާ ކަންތަކާއި ހިތާމަވެރި ތަފާތު ވާހަކަތަކުގެ އިތުރުން ރުޅިގަދަކުރުވާ ކަހަލަ ކަންތަކާ އެކު ބެލުންތެރިން ތަޖުރިބާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޕްރޮޑަކްޝަން ޓީމުން ދެ އެވެ.
މިރޭގެ ޝޯ ފަށާނީ ދިހަގަޑި ބައިގަ އެވެ. ނަމަވެސް ޝޯގެ ޕްރިޝޯއެއް ޓީވީއެމް އިން ދިހައެއްޖަހާއިރު ފަށާނެ އެވެ.
މޯލްޑިވިއަން އައިޑޯލްގެ 30 އެޕިސޯޑް ޓީވީއެމް އިން އެޕްރީލް މަހުގެ ނިޔަލަށް ދައްކާނެ އެވެ. މި ޝޯ އާއި ޝޯގެ ޕްރޮޑަކްޝަން ޓީމުގެ އާދަޔާހިލާފު ވާހަކަތައް އަވަސް އިން ސިލްސިލާއެއްގެ އުސޫލުން އަޅުގަނޑުމެންގެ ކިޔުންތެރިންނަށް ތަކުރާރުކޮށް ގެނެސްދެމުންދާނެ އެވެ.