މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް ނައިބު ރައީސް ޕްރިމިއާކޮށް ދެއްވައިފި

Jan 28, 2017
2

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއެއް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ޕްރިމިއާކޮށް ދެއްވައިފި އެވެ. އައިޑޮލް ޕްރިމިއާ ކޮށްފައިވަނީ އެކަމަށްޓަކައި މިރޭ ޝްވެކް ސިނަމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިރޭ ޝްވެކް ސިނަމާގައި ޕްރިމިއާކުރަން ރެޑް ކާޕެޓް އިވެންޓެއް ބޭއްވިއިރު އެ އިވެންޓްގައި ޝޯގެ ސްޕޮންސަރުންނާއި ޕާޓްނަރުން އަދި ދައުވަތު ދެއްވި ބައެއް ހާއްސަ ފަރާތްތަކުން ބައިވެރިވި އެވެ. އަދި ފުރަތަމަ ސީޒަންގެ ގަދަ 10 ގައި ހިމެނުނު ބައެއް ބައިވެރިން ވެސް ބައިވެރިވި އެވެ.

މިރޭ އައިޑޮލް ފެށިގެން ދިޔައިރު މިރޭ ދައްކާފައިވަނީ މާލެ އޮޑިޝަނެވެ. މާދަމާ ރޭ ވެސް މާލޭ އޮޑިޝަންގެ ޝޯއެއް ދައްކާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓީމުން ވަނީ ބެލުންތެރިންގެ އުއްމީދުތަކާ އެއް ފެންވަރުގެ ޝޯއެއް މިފަހަރު ވެސް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ޝޯ ވަަރަށް ހިތްގައިމުވެފައިވާ ޝައުގުވެރިވާނެ ކަމަށް ޓީމުން ބުނެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއް އޮޑިޝަންތައް ވަނީ ބާއްވާފަ އެވެ. އެއީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށީގަ އެވެ. އެ ފަސް އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑަށް ގޮސްފަ އެވެ.

ތިއޭޓާ ރައުންޑް ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ޝޫޓްކޮށްފަ އެވެ. އެ ރައުންޑް ޝޫޓްކުރީ މަތިވެރީގެ ފަޅު ތެރެ އާއި އެ ރަށާ ކައިރީގައި އޮންނަ ފިނޮޅެއްގަ އެވެ. އެހެން ކަމުން މިދިޔަ ސީޒަނަށް ވުރެން ވެސް މިސީޒަނުގެ ހިތްގައިމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ.