ސްރީލަންކާގެ ކޮލަމްބޯގައި އަންނަ މަހު ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) ގެ ޓޭބަލް ވެއާ ބްރޭންޑަކަށް ޖަޕާންގެ ނޮރިޓާކީ ހަމަޖައްސައިފ އެވެ.
ދެކުނު އޭޝިޔާއަށް ހުޅުވާލައިގެން ބާއްވާ މި އެވޯޑު އިންތިޒާމު ކުރާ ރާއްޖޭގެ "ހައިރައިޒް" އިން ބުނީ އެންމެ އަގު ބޮޑު ހޮޓާތަކަށް ހިދުމަތްދޭ ޖަޕާނުގެ ޓޭބަލް ވެއާ ބްރޭންޑަކީ 1972 ވަނަ އަހަރު ސްރީލަންކާގައި ހިދުމަތް ފަށާފައިވާ ބްރޭންޑެއް ކަމަށެވެ.
ސަޓާ އެވޯޑު އޮތީ މިމަހުގެ 16-17 އަށް ސްރީލަންކާގެ އެންމެ ބޮޑު އެއް ހޮޓާ ކަމަށްވާ "މައުންޓް ލެވީނިޔާ" ހޮޓަލުގަ އެވެ. ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.
މި އެވޯޑަކީ ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާގެ އިތުރުން ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ ބަލައިގެންފައިވެ އެވެ. މީގެ އިތުރުން އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) ހިމެނެ އެވެ. މީގެ އިތުރުން ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ބަލައިގެންފައިވެ އެވެ. އަދި ރާއްޖޭން މި އެވޯޑު ބަލައިގެންފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަދި ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ހިމެނެ އެވެ.