ހަބަރު

ހައްޖު ސްކީމްގައި އައިޔޫއެމް އިން ބައިވެރިވެއްޖެ

ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް" ގައި ރާއްޖޭގެ އިސްލާމިކް ޔުނިވާސީޓީ (އައިޔޫއެމް) އިން ވެސް ބައިވެރިވެއްޖެ އެވެ. މިއީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭގޮތް އެ ސްކީމްގައި ބައިވެރިވި 33 ވަނަ އިދާރާއެވެ.

މި ސްކީމަކީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ލުއި ފަސޭހަ ނިޒާމެއްގެ ތެރެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ދެވޭނެ ގޮތް މަގުފަހި ކުރުމަށް ހައްޖު ކޯޕަރޭޝަންއިން ފަށާފައިވާ ސްކީމެކެވެ. މި ސްކީމުގައި ބައިވެރިވުމަށް އައިޔޫއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަލީ ރަޝީދެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޔާމިން އިދްރީސެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ފުރިހަމަ ގޮތުގައި ރާއްޖޭގެ ހައްޖުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދިނުމާއި ބެހޭ އެއްބަސްވުމެއްގައި އިސްލާމިކް ޔުނިވާސިޓީއާ އެއްކޮށް ސޮއި ކުރެވިގެން ދާނެ ކަމަށެވެ. އޭގެތެރޭގައި ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން ތަމްރީނު ކުރުމާއި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ތަމްރީނުކުރުން ވެސް ހިމެނޭކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ މި ސްކީމްގައި މިހާތަނަށް ދައުލަތުގެ ގިނަ މުއައްސަސާތަކުންވަނީ ބައިވެރިވެފަ އެވެ.