ވިޔަފާރި

"އަންނަ އަހަރު އިންޑިއާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ"

Nov 2, 2016
  • އިންޑިޔާ މާކެޓު ރަނގަޅުކުރަން މަސައްކަތްތަކެއް
  • އިންޑިޔާއިން މިދިޔަ އަހަރު ބައިލައްކަ މީހުން އައި
  • އޮގަސްޓް މަހުގެ ނިޔަލަށް ބޮޑު ކުރިއެރުމެއް

އަންނަ އަހަރު ޗައިނާ މާކެޓު ރަނގަޅު ވެގެންދާއިރު، އިންޑިޔާ އިން ވެސް ވަރަށް ބައިވަރު ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް މެގަ މޯލްޑިވްސް އެއާލައިނުން ބުނެފި އެވެ.

މެގަ މޯލްޑިވްސްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެއާލައިންގެ ޑިރެކްޓަރު މިފްޒާލް އަހުމަދު ވިދާޅުވީ އިންޑިޔާ މާކެޓަކީ ރާއްޖެއަށް ވަަރަށް ކާމިޔާބު މާކެޓެއް ކަމަށާއި، މެގަ މޯލްޑިވްސްގެ ދަތުރުތައް ފެށުމާއެކު އެ އަދަދު އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމަށެވެ.

"މެގަ ފެއްޓިއިރު ޗައިނާ މާކެޓުން ވެސް މިހާގިނަ މީހުން އަންނާނެ ކަމަށް ހިއެއް ނުކުރޭ. އަޅުގަނޑު ދަންނަވާނީ އިންޑިޔާއިން ވެސް ވަރަށް ބޮޑެތި އަދަދުތައް ކުރިއަށް އޮތް އަހަރު ތެރޭގައި އަންނާނެއޭ. އިންޑިޔާއިން އަންނަ ޓޫރިސްޓުން ޑިރެކްޓް ކަނެކްޝަނެއް ނެތި ބޮޑު ވެގެން އަންނައިރު، މުންބާއީ އާއި ދިއްލީއާ ދެމެދު ޑިރެކްޓު ކަނެކްޝަނެއް ލެވޭތީ ޔަގީން އިތުރު ވާނެކަން،" މިފްޒާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އިންޑިޔާ އިން ބައިލައްކަ ޓޫރިސްޓުން އައިސްފައިވާ ކަމަށާއި، މިދިޔަ ތިން އަހަރު 20 އާއި 25 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.

"މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވައިމަން ވެސް ވަނީ އިންޑިޔާއަށް ވަޑައިގެން ޓޫރިސްޓުން އިތުރު ކުރުމަށް މަސައްކަތް ފައްޓަވާފައި. އިންޑިޔާގެ އެމްބެސެޑަރާ ވެސް ބައްދަލުކޮށްފައި ވަނީ. ސަރުކާރާއެކު ވަރަށް ބައިވަރު މަސައްކަތް ކޮށްގެން ފަތުރު ވެރިން އިތުުރު ކުރަން ރާވާފައިވަނީ. މިހެންވެ އެނގެނީ އިންޑިޔާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް،" މިފްޒާލް ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އިން އިންޑިޔާ އަށް ކުރާ ދަތުރުތަކުގެ ޓިކެޓު ވިއްކަން ފަށަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މުންބާއީ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިންޑިޔާއިން 39،059 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 32،1818 ޓޫރިސްޓުންނާ އަޅާ ބަލާއިރު 21.4 ޕަސެންޓް އިތުރުވުމެކެވެ.