ވިޔަފާރި

ސަޓޭ ފެއާއަށް މަޓާޓޯ އިން މެގަ މޯލްޑިވްސްއާ ގުޅިއްޖެ

Jan 24, 2017
1
  • ފެއާގައި މިހާތަނަށް 10 ކުންފުނި
  • ގެސްޓްހައުސްތަކަށް ހާއްސަ އަގެއް
  • މިދިޔަ އަހަރު 20،000 މީހުން ދިޔަ

އިންޑިޔާގައި އަންނަ މަހު އޮންނަ "ސަޓޭ 2017 ފެއާގައި" ބައިވެރިވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މެގަ މޯލްޑިވްސްއާ ގުޅިއްޖެ އެވެ.

އިންޑިޔާގައި އަންނަ މަހުގެ 15-17 އަށް ބާއްވާ މި ސަރަހައްދުގެ ބޮޑު ޓޫރިޒަމް ފެއާއަކީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ މަޝްހޫރު ބޮޑު ފެއާ އެކެވެ. މި ފެއާގައި މެގަ މޯލްޑިވްސްއާއެކު މަޓާޓޯއިން ވެފައިވާ އެއްބަސްވުމާއެކު މި ފެއާގެ ބައިވެރިންނަށް ހާއްސަ އަގުތަކެއް ދޭނެ އެވެ. މެގަ މޯލްޑިވްސްއަކީ އިންޑިޔާގެ ދިއްލީ އާއި މުންބާއީއަށް ދަތުރުކުރާ ރާއްޖޭގެ އެއާލައިން އެކެވެ.

މަޓާޓޯ އިން ބުނީ ސަޓޭ 2017 ގައި ބައިވެރިވާނެކަމުގެ ޔަގީންކަން ރާއްޖޭގެ 10 ކުންފުންޏަކުން މިހާރު ވެސް ދީފައިވާ ކަމަށެވެ. މި ފެއާގައި ބައިވެރިވާން އިންޑިޔާގެ، ނިއު ދިއްލީ އަށްދާ ދިވެހި ކުންފުނިތަކަށް މެގަ މޯލްޑިވްސް އިން ކުޑަ އަގެއްގައި ޓިކެޓު ވިއްކާނެ ކަމަށެވެ. އަދި ހާއްސަކޮށް ގެސްޓްހައުސް ތަކަށް ހާއްސަ ޕެކޭޖު ތަކެއް ލިބޭނެ ކަމަށް މަޓާޓޯ އިން ބުނެފައިވެ އެވެ.

ސަޓޭ ފެއާގައި މިދިޔަ އަހަރު 35 ގައުމަކުން 750 މީހުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި ބައިނަލްއަގުވާމީ 30 ގައުމެއްގެ ޓޫރިޒަމް ބޯޑުންނާއި އިންޑިޔާގެ 25 ބޯޑަކުން ވެސް ބައިވެރިވެފައިވެ އެވެ. އަދި މި ފެއާ އަށް 20،000 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.

އިންޑިޔާއަކީ ރާއްޖެ އަށް އެންމެ އުންމީދީ އެއް މާކެޓެވެ. އެ ގައުމުން މިދިޔަ އަހަރު 66،955 ޓޫރިސްޓުން ޒިޔާރަތް ކުރިއެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރި 52،364 ޓޫރިސްޓުންނާ އަޅާބަލާއިރު 27.9 ޕަސެންޓް އިތުރު އަދަދެކެވެ.