ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބަށް ހާއްސަ އޮފީސް ބާ ޖަމާލުއްދީނުގައި ހުޅުވައިފި

Nov 2, 2016
  • ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް އާދީއްތާގައި
  • ރަޖިސްްރޭޝަނަށް 13 ކައުންޓަރު
  • އިންތިހާބުގެ ތައްޔާރީތައް އެ މަރުކަޒުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާބެހޭ އެކި މަސައްކަތް ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިންތިހާބީ މަރުކަޒެއް ބާ ޖަމާލުއްދީނުގައި މިއަދު ހުޅުވައިފި އެވެ. އެ މަރުކަޒަކީ ލޯކަލް ކައުންސިލް އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމާއި އިންތިހާބާގުޅޭ ބޮޑެތި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުޅުވި މަރުކަޒެކެވެ.

އިންތިހާބާ ބެހޭ މަރުކަޒު ހުޅުވުމަށް މިއަދު ބާ ޖަމާލުއްދީންގައި ބޭއްވި ރަސްމިއްޔާތެއްގައި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުން މިއަދު ހުޅުވި މަރުކަޒުގައި ފަށައިގަންނާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ފަރާތްތަކުގެ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ކަމަށެވެ. ރީ ރަޖިސްޓްރޭޝަނަށް އަންނަ އާދީއްތަ ދުވަހު ހުޅުވައިލާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

އީސީން ބުނީ، އިންތިހާބަށް ހޯދަންޖެހޭ އިންޓަނޭޝަނަލް އޮބްޒާވަރުން ހޯދުމާއި، މޮނިޓަރުންނާއި އެހެނިހެން އޮބްޒާވަރުން ހޯދުމާއި، ވޯޓްގެ ނަތީޖާތައް ޕްރޮސެސްކުރުން ފަދަ މަސައްކަތްތަށް ވެސް މިއަދު ހުޅުވި މަރުކަޒުގައި ކުރިއަށްގެންދާނެ ކަމަށެވެ. އޮބްޒާވަރުންނާއި މަންދޫބުންނަށް ކާޑު ދޫކުރުމުގެ ހިދުމަތް ދޭނީވެސް އެ މަރުކަޒުންނެވެ.

އިންތިހާބުގެ މުހިއްމު ކަންކަން ކުރުމަށް ހާއްސަ ތަންތަން ހޯދުމަކީ އިލެކްޝަން ކޮމިޝަނުން އަބަދުވެސް ކުރާ މަސައްކަތެކެވެ. ނަމަވެސް މި ފަހަރު ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ މަރުކަޒަކީ ވަރަށް ފެންވަރު ރަނގަޅުކޮށް ރީ ރަޖިސްޓްރޭޝަނަށް ބޮޑު ހޯލަކާއި، އޮބްޒާވަރުން ޓްރެއިން ކުރާ ހޯލެއްގެ އިތުރުން ކާޑް ދޫކުރުމާއި ނަތީޖާ ޕްރޮސެސް ކުރުމާ ހަމަޔަށް އެކި ކަންކަމަށް ރޫމްތައް ހަމަޖައްސައި ވަސީލަތްތައް ވެސް ގާއިމްކޮށްފައިވާ ތަނެކެވެ.

މިއަދު ހުޅުވި މަރުކަޒާއެކު އަންނަ އާދީއްތަ ދުވަހު ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް އީސީން ފަށައިގަންނަ އިރު ރީ ރަޖިސްޓްރޭޝަންގެ ހިދުމަތް ދިނުމަށް 13 ކައުންޓަރު ގާއިމްކޮށްފައި ވެއެވެ. އެ ކައުންޓަރުތަކުން ހިދުމަތްދޭނީ ޓޯކެން ނަމްބަރު ދޫކޮށްގެންނެވެ. އެ މަސައްކަތަށް އީސީން ވަނީ 60 އަށްވުރެ ގިނަ ވޮލަންޓިއަރުން ހޯދާފަ އެވެ. އަންނަ އާދީއްތަ ދުވަހު މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް ރީ ރަޖިސްޓްރޭޝަންގެ ހިދުމަތް ފަށާނެ އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ވާދަ ކުރުމަށް ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ.