އިލެކްޝަންސް ކޮމިޝަން

އަންނަ މަހު ހަތް ބައި-އިލެކްޝަން ބާއްވަނީ

އަންނަ މަހު ހަތް ބައި އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންނެވެ.

އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ވ. ތިނަދޫ، ވ. ފެލިދޫ އަދި ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް މިހާރު ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަން އަވަސް އަވަހަށް ބާއްވަން ޖެހޭތީ ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ދެ ގާނޫނަކަށް މިހާރު ވަނީ އިސްލާހު ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ވަރަށް ގިނައިން ވަރަށް ކައިރިކައިރީގައި ބާއްވަންޖެހޭ ގޮތަށް ގާނޫނުތައް މިހާރު ހަމަޖެހިފައިވާތީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް 20 ބައި އިލެކްޝަން ބާއްވާފައިވެ އެވެ. ކޮންމެ ބައި އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަންޖެހެ އެވެ.