އިލެކްޝަންސް ކޮމިޝަން

ކައުންސިލް ބައި އިލެކްޝަނަށް ދުވަސްވަރެއް

ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ކޮންމެ އަހަރެއްގެ ވެސް ވަކި ދުވަސްވަރެއްގައި ބާއްވާ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކައުންސިލްތަކުގެ އިންތިހާބާބެހޭ ގާނޫނު ބުނާ ގޮތުން ކައުންސިލް މެންބަރަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ކައުންސިލަރަކު އަދި އަންހެނުން ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދެއްވުމާއެކު ބައި އިލެކްޝަން ބާއްވަން ޖެހޭ ކަމަށެވެ. އެގޮތަށް ކައިރި ކައިރީގައި ބައި އިލެކްޝަންތައް ބޭއްވުމަކީ ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާ ހަރަދުވެގެންދާނެ ކަމެއް ކަމަށެވެ

"އެހެންވެ އަޅުގަނޑުމެން ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވި މިހާރު ވާނީ އަހަރަކު ދެ ފަހަރު މިސާލަކަށް ޖޫން ނުވަތަ ޑިސެމްބަރުގައި ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖެއްސުމަށް ނިންމާފައި. ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ކޯރަމު ނުގެއްލި ކުރިއަށް ދާނަމަ ކުރިން މި ދެންނެވި ގޮތަށް ގާނޫނު އިސްލާހު ކުރަން މަޝްވަރާ ކުރެވިފައި ވަނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ބައި އިލެކްޝަން ބޭއްވުމުގައި ކޮމިޝަންގެ ވިސްނުން ހުރި ގޮތް ބަންޑާރަނައިބާ ހިއްސާ ކުރުމުން ކޮމިޝަނުން އެދޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އެއްބާރުލުއް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ކޮމިޝަންގެ ވިސްނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވެސް ހިއްސާ ކުރައްވާނެ ކަމަށާއި ކޮމިޝަނުން އެދޭ ގޮތަށް ގާނޫނަށް ބަދަލު ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިންތިހާބު އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. އެ އިންތިހާބަށް ގާތްގަނޑަށް 70 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކައުންސިލެއްގެ ނުވަތަ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަނެއް ބޭއްވި ނަމަވެސް އެފަދަ ކޮންމެ އިންތިހާބަކަށް 150،000 ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުވާ ކަމަށެވެ. އޭޕްރީލް 10 ވަނަ ދުވަހަށް ފަހު ފާއިތުވެ ދިޔަ ކޮންމެ މަހަކު ވެސް ކޮމިޝަނުން ވަނީ ބައި އިލެކްޝަން ބާއްވާފަ އެވެ. މި މަހު ވެސް ދެ ބައި އިލެކްޝަން ބާއްވާއިރު އަންނަ މަހު ވެސް ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމާފައިވެ އެވެ. އެކަމަކު އަދި މިހާތަނަށް މުޅިންވެސް ބާއްވާފައިވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަނެވެ.