ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ރާއްޖެއަށް އަމާޒުވި ދުވަސްވަރާއި މިހާރާ ވަކި ތަފާތެއް ނެތް ކަމަށާއި އޭރުވެސް ގައުމަށް ކުލުނެއް ނެތް ހާއިނުން ތިބި ގޮތަށް މިހާރުވެސް އެފަދަ ހާއިނުން ގައުމުގައި އެބަތިބި ކަމަށް ޗީފް އޮފް ޑިފެންސް ފޯސްމޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މޭޖަ ޖެނެރަލް ވިދާޅުވީ ފުލުހުންނާއި ސިފައިން އަބަދުމެ ތިބެންވާނީ ގައުމުގައި ހިޔާނާތްތެރިން އެބަތިބިކަން ދަނެ، އެކަމަށް ތައްޔާރުވެ ތެދުވެރިކަމާއެކު ކަމަށެވެ.
ރާއްޖޭގެ 28 ވަނަ ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޖާ ޖެނަރަލް ވިދާޅުވީ، އޭރުވެސް އަދި މިހާރުވެސް އަމިއްލަ އެދުމުން ފޯވެފައިވާ ގައްދާރުން މި ގައުމުގައި ތިބި ކަމަށާއި އެކަމަށް ދިވެހި ސިފައިންނާއި ފުލުހުން ސަމާލުވާންޖެހޭ ކަމަށެވެ. މިއަދު މި މުޖުތަމައުގައި ތިބޭ ހާއިނުން ގައުމު ހަލާކުކޮށްލުމަށް ނުކުންނާނީ ކަނޑިއާ ބަޑި ހިފައިގެން ނޫން ކަމަށާއި، އެފަދަ މީހުން އެމީހުންގެ މަގްސަދު ހާސިލްކުރާނީ ޒަމާނީ ވަސީލަތާއި ފިކުރީ ހަތިޔާރުގެ ބޭނުންކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
"އޭރުވެސް ޝަހީދުވި އަލި ރަސްގެފާނާއެކު ހަނގުރާމަކުރުމަށް ދިޔަ ބައެއް މީހުން ވެސް ވަކި ހިސާބަަށް ދިޔާމަ ފިލާ ރައްކާވީ. މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގަ ހަމަ މިފަދަ ހާއިނުން ތިބޭނެ. އެކަމަށް އަޅުގަނޑުމެން އަބަދުވެސް ވިސްނަން ވާނެ. އަމިއްލަ އެދުމުން ފޯވެފައިތިބި ދިވެހިން މިއަދުވެސް އަޅުގަނޑުމެންގެ ގައުމުގައި އުޅޭނެ. މިއަދަކު އެފަދަ މީހުން ދިމާކުރާނީ ކަނޑިއާ ބަޑި ހިފައިގެނެއް ނޫން. އެ ދަޅައަށް ހެއްލިގެން އެމީހުންގެ ފައިބުޑަށް ގައުމު ވައްޓާލައިގެން ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މީހުން ދައްކާހާ ދަޅައަށް ހެއްލޭ ބަޔަކަށް ދިވެހި ސިފައިންނާއި ފުލުހުން ވެގެން ނުވާނެ ކަމަށާއި ދިވެހި ސިފައިން ވާންޖެހޭނީ ކޮށްގެން ތިބި ހުވަޔަށް އިހުތިރާމްކުރާ، ލިބިފައިވާ ތަމްރީނާއި ތައުލީމަށް ހުރުމަތްތެރިކޮށް ހިތާ ތެދުވެރި ބަޔަކަށް ކަމަށާއި ގަދަރުވެރި ޔުނީފޯމެއްގައި ބޮޑު ހުވައެއް ކޮށްގެން ސިފައިން ތިބެނީ، ބަޔަކު ބިރެއް ދެއްކުމުން ދުވެ ފިލަން ނޫން ކަމަށެވެ.
ދިވެހި ސިފައިންނަކީ އަދަދު މަދު ނަމަވެސް ހުނަރުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްލެވޭނެ ފަދަ ގާބިލު ބައެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެންކަމުން، ސިފައިންނަކީ މީހަކު އައިސް ވަކި ކަހަލަ މޮޅެއް ދައްކާލީމާ ހެއްލިގެން ދާފަދަ ބަޔަކަށް ވެއްޖެނަމަ ގައުމު ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަން ހުރިހާ ސިފައިންވެސް ދަންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުއައްސަސާތެރެ ހަލަބޮލިކޮށް އަޅުގަނޑުމެންގެ މުއައްސަސާ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ ބަޔަކު މަދެއް ނޫން. ވަރަށް ފަހުން ވެސް އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަރަށް މޮޅު ތަމްރީން ލިބިފައިތިބި ބަޔަކު މިފަދަ އަވާގައި ޖެހިގެން އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ ތަން. އެފަދަ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ" ޝިޔާމް ވިދާޅުވި އެވެ.