މެންބަރު ހުސައިން މުހައްމަދު ލަތީފް

ޝަހީދުވި ބޭފުޅުންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް: ހުސައިން

ގައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ގުރުބާންކޮށް ޝަހީދުވެ ދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ގައުމީ ވާޖިބެއް ކަމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ދިވެހިން މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިންތިހާބީ ނައިބް ރައީސް ވިދާޅުވީ ގައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ގުރުބާންކޮށް ޝަހީދުވެދާ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރަންޖެހޭ ކަމަށެވެ.

"އެބޭބޭފުޅުންގެ ޒިކުރާ އާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަަށް ސަރުކާރުތަކުން ކުޑަކޮށްވެސް ފަރުވާކުޑަކޮށްގެން ނުވާނެ،" އިންތިހާބީ ނައިބް ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ނަސްރުގެ ދުވަހާއި، ޝަހީދުންގެ ދުވަހާއި، ގައުމީ ދުވަސް ފަދަ ދުވަސްތަކަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ހަމައިން ފެށިގެން މުޅި ސަރުކާރާއި ރައްޔިތުންގެ އެކަމުގައި ޝާމިލުވާ ގޮތަށް ފާހަގަކުރަންޖެހޭ ދުވަސްތަކަކަށް ވާންޖެހޭ ކަމަށެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ އެފަދަ ދުވަސްތައް ފާހަގަކުރެވި ޒިކުރާ އާކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އެދުވަހު އަޅުގަނޑުމެންގެ ގައުމަށްޓަކައި އަބުތާލުންތަކެއް ފުރާނަ އިން ގުރުބާން ވެގެންދިޔަ. އެ އަބްތާލުންގެ ޒިކުރާ އާލާކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް. ހަގީގަތުގައި އެއީ ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫން. އެހެން ނޫންނަމަ ގައުމެއް ގައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ،" ހުސައިން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށާއި ގައުމުގެ ބަހާތައް ދިރުވުމަށްޓަކައި ނަސްރުގެ ދުވަސް ފަދަ ގައުމީ މުހިއްމު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރަންޖެހޭ ކަމަށެވެ. ގައުމެއްގެ ހަޔާތުގައި ގައުމަށް ނަސްރާއި ކާމިޔާބީ ހޯދައިދިން އަބުތާލުންގެ ޒިކުރާ ފަނޑު ނުވާނޭހެން ފާހަގަކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިފަދަ ދުވަސްތައް ފާހަގަކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައި،" ހުސައިން ވިދާޅުވި އެވެ.

މިއަދަކީ މީގެ 35 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދު ބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދިވެހިންގެ ނަސްރުގެ ދުވަހެވެ. މިއަދަކީ މިހާދިސާއަށް 35 އަހަރު ފުރޭ ދުވަހެވެ.