ވިޔަފާރި

50 މިލިޔަން ޑޮލަރުގެ ހައިޑަވޭ ބީޗް އަލުން ހުޅުވައިފި

Mar 7, 2015
1

ފަންސާސް މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" މަރާމާތައް ފަހު އަލުން ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައިވާ ގޮތުން 50 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބޮޑު ބަދަލެއް ގެނެސް އަލުން ހުޅުވި މި ލަގްޒަރީ ރިސޯޓުގައި މިހާރު އެކި ފެންވަރުގެ މަތީ ފަންތީގެ 103 ވިލާ ހުރެ އެވެ. މި ރިސޯޓަށް އަންނަ ޓޫރިސްޓުން މަޑުކޮށްލުމަށް އަށް ވައްތަރެއްގެ ކޮޓަރި ހަދާފައިވެ އެވެ. މީގެ ތެރޭގައި ބީޗް ފްރޮންޓަށް ވާގޮތަށް ހުންނަ ކޮޓަރިތަކާއި ބަގީޗާ އާއިއެކު ހަދާފައި ހުންނަ ފެމެލީވިލާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން މިހާރު މި ރިސޯޓުގައި 50 މޫދު ކޮޓަރި ވެސް ހުރެ އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ދޮނަކުޅި އިންވެސްޓްމަންޓުން ތަރައްގީކޮށް ހިންގާ ފަސްތަރީގެ މި ރިސޯޓުގައި ބޮޑު ބީޗްކާއި ހިތްގައިމު ސުވިމިން ޕޫލެއްގެ އިތުރުން ގިނަ ރަހަތައް ހިމެނޭ ފުރިހަމަ ރެސްޓޯރެންޓެއް ވެސް ހަދާފައިވެ އެވެ. މި ތަނުގައި ވެޖިޓޭރިއަނުން ނަށް ހާއްސަ ކެއުންތަކާއި ދިވެހި ރަހަތައް ހިމެނޭ ގިނަ ކެއުންތަކެއްވެސް ހުރެ އެވެ.

ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ފަރުމާކޮށްފައިވަނީ "ހެލްތް އެންޑް ވެލްނަސް" ގެ ގޮތުގައި ސްޕާގެ ހިދުމަތް ބޭނުންކުރަން ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިތް ދަމައި ގަންނަ ގޮތަކަށެވެ. މި ރިސޯޓުގައި ހުންނަ ސްޕާއަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބޮޑު އެއް ސްޕާ އެވެ. އަދި މި ރިސޯޓުގައި ޓެނިހާއި މި ނޫން ވެސް ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ގާއިމްކޮށްފައިވެ އެވެ.