ހަބަރު

ދުނިޔެއަށް ރާއްޖެ ޕްރޮމޯޓް ކުރަން ވަރުގަދަ ކެމްޕޭނެއް ހިންގާނަން: އަދީބު

މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް، "ވިޒިޓް މޯލްޑިވްސް"ގެ ނަމުގައި ވަރަށް ވަރުގަދަ ކެމްޕޭނެއް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

"މި ކެމްޕޭނާ މި ދިމާވަނީ ރާއްޖޭގެ މިނިވަން ކަމަށް ގޯލްޑަން ޖުބްލީ ފުރޭ އަހަރާ. މި ކަމާ ގުޅުވައިގެން މި ކެމްޕޭންގެ ދަށުން މުޅި ދުނިޔޭގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވަރުގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނަން. އަންނަ އަހަރު އައިޓީބީ ބާލިންގެ ތެރެއިން މި ހަރަކާތްތައް މާ ބޮޑަށް ފެނިގެންދާނެ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓުއަރިސްޓުން އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު، މެދު ފަންތީގެ ޓުއަރިސްޓުންނަށް ހާއްސަކޮށްގެން އެނދުތައް ތަރައްގީ ކުރުމުގެ މަސައްކަތަށް އިސްކަން ދެއްވާ ކަމަށެވެ. އެގޮތުން ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި، ތުނބުރި ޕްރޮޖެކްޓް އިއުލާން ކޮށް، 20 ބިމެއް އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެ ޕްރޮޖެކްޓަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ އޭގެ ތެރެއިން 19 ބިމެއް މިހާރު ވެސް ވިކިފައިވާ ކަމަށެވެ. އަދި ވޯޓާ ވިލާ އާއި ބީޗް ފްރޮންޓް ހޮޓާ ތަރައްގީ ކުރުމަށް އިތުރު ބިންތަކެއް އެ ރަށުން ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

"މި ރަށާ އެކު ޓުއަރިޒަމްގެ މުޅިން އާ ކަންތައްތަކެއް އަންނާނެ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ވެސް ރާއްޖެއަށް ޓުއަރިސްޓުން އައި އަދަދު 7.1 ޕަސެންޓްގައި އިތުރުވެ، 1.2 މިލިއަން ޓުއަރިސްޓުން ރާއްޖެ ޒިޔާރަތް ކުރި ކަމަށެވެ. އަދި އެ އަދަދު މިހާރަށް ވުރެ މާބޮޑަށް މިއަހަރު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ޖަރުމަނުން ރާއްޖެ އަންނަ ޓުއަރިސްޓުންގެ ނިސްބަތަކީ 8.3 އެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް ބަލާއިރު، މުހިންމު އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.