މެގަ މޯލްޑިވްސް އިން ރާއްޖެއާ ލަންކާއާ ދެމެދުގެ ދަތުރުތައް ރަސްމީކޮށް ފަށައިފި އެވެ. ރާއްޖެއާ ލަންކާއާ ދެމެދުގެ ދަތުރުތައް ފެށުން ފާހަގަ ކުރުމަށް މެގަ މޯލްޑިވްސް އިން މިއަދު ވަނީ ހާޢްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. -- ފުރަތަމަ ފްލައިޓް ދަތުރު ކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
ދަތުރުތައް ފެށުމުގެ ގޮތުން އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވިއެންމަން ވިދާޅުވީ، އޭވިއޭޝަން އިންޑަސްޓްރީ ރާއްޖޭގައި ފުޅާވަމުން އަންނަ އިރު، އެއާލައިނެއްގެ ހައިސިއްޔަތުން ވާދަވެރި މާހައުލެއްގައި ހިދުމަތް ދިނުމަށް އެ އެއާލައިނުން އަބަދުވެސް އިސްކަންދޭ ކަމަށެވެ.
މިހާތަނަށް އައިއިރު ބޭރުގެ އަށް މަންޒިލަކަށް މެގަ މޯލްޑިވްސްގެ ދަތުރުތައް ފުޅާކޮށްފައިވާއިރު، ސްރީ ލަންކާ އަކީ އެ ލިސްޓަށް މިއަދު އިތުރުކުރެވިގެން ދިޔައީ އާ ބޮޅެއް ކަމަށް ވެސް ޖޯޖް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ލަންކާ އަކީ ރާއްޖެއަށް ވަރަށް މުހިއްމު މަންޒިލަކަށް ވާއިރު، އެ ފަދަ މާކެޓަކަށް އެ އެއާލައިންގެ ހިދުމަތް ހުޅުވާލުމަކީ އެއާލައިނަށާއި ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 19000 އަށްވުރެ ގިނަ ދިވެހިން ލަންކާ އަށް ދަތުރުކުރާއިރު އެ މާކެޓްގެ ތިން ބައިކުޅަ އެއްބައި އެ އެއާލައިނަށް ކާމިޔާބު ކުރެވުނަސް އެއީ ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މެގަ ފަދަ އެއާލައިނެއް އިހުތިޔާރު ކުރުމުން އޭގެ ފައިދާ ވާނީ ހަމަ އެކަނި އަޅުގަނޑުމެންނަަކަށް ނޫން. އެއީ ދިވެހިންނަށް ވެސް ފައިދާ އޮތް ކަމެއް. މި އެއާލައިނަށް ލިބޭ ފައިސާ އަކީ ރާއްޖޭގައި ދައުރުވާ ފައިސާއެއް،" ސީއޯއޯ ޖޯޖް ވިދާޅުވި އެވެ.
ރާއްޖެ އާއި ލަންކާ އާ ދެމެދުގެ ދަތުރުތައް މެގަ އިން ފަށާފައިވާއިރު އެ އެއާލައިނުން ދަނީ އިންޑިއާގެ ނިއުދިއްލީ އަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރު ވަމުންނެވެ. މިމަހުގެ 14 ވަނަ ދުވަހު ފަށާ އެ ރޫޓްގެ ދަތުރުތަކަށް ޓިކެޓް ވިއްކަން ވެސް މިހާރު ވަނީ ފަށާފަ އެވެ.
މެގަ ގެ ދަތުރުތައް ލަންކާއަށް ފަށާފައިވާއިރު، އެއެއާލައިނުން، ޑާކާ، ޖިއްދާ ޗައިނާ މެލޭޝިއާ ފަދަ ގައުމުތަކަށް ވެސް ދަތުރުކުރެ އެވެ. ކޮލަމްބޯއަށް މަގަ މޯލްޑިވްސް ދަތުރުތައް ފެށުމާއެކު މިހާރު ވެސް ވަނީ ވާދަވެދރިކަން ބޮޑުވެފަ އެވެ.