ހަބަރު

މެގަ މޯލްޑިވްސްއިން މިލިއަނެއްހާ ޑޮލަރު ދައްކަން ހުކުމް ކޮށްފި

މެގަ މޯލްޑިވްސް އެއާލައިނުން މީރާއަށް އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިލިއަނެއްހާ ޑޮލަރު ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައިވާ ގޮތުން އެއަރޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ގުޅޭ ޖޫރިމަނާގެ ގޮތުގައި މެގަ މޯލްޑިވްސް ޖުމްލަ 1.01 މިލިއަން ޑޮލަރު (ގާތް ގަޑަކަށް 15 މިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށެވެ.

އެ އެއާލައިނުން 2،800 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. 10 މަސް ދުވަހު ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ އެވެ.

މާލީ މައްސަލަތައް ދިމާވެ ހުއްޓާލާފައިވާ، މެގަ މޯލްޑިވްސް އެއާލައިނުން ޓެކްސް އާއި އެ ފައިސާ ނުދައްކައިގެން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.

މެގަ މޯލްޑިވްސްގެ އުދުހުންތައް ހުއްޓާލީ 2017 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އެ އެއާލައިން އެހެން ބަޔަކަށް ވިއްކާލައި އަލުން އުދުހުންތައް އަލުން ފަށާނެ ކަމުގެ އަޑުތަކެއް އެރި ނަމަވެސް، އެންމެ ފަހުން އެ އެއާލައިންގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި އެ ކުންފުނިން ގެނެސްފައިވާ ބޯޓްތައް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަދި އެ ކުންފުނި އުވާލުމަށް އިއުލާން ވެސް ކުރި އެވެ.