ރާއްޖޭގެ ކުރަމަތި ރިސޯޓާއި މާފުށިވަރު ރިސޯޓަށް ޓްރެވަލް ލައިފް ގޯލްޑް އެވޯޑު ލިބިއްޖެ އެވެ.
އެއް ކުންފުންޏަކުން ހިންގަމުން ގެންދާ ކުރަމަތި ރިސޯޓާއި މާފުށިވަރު ރިސޯޓަށް ލިބުނު ޓްރެވަލް ލައިފް ގޯލްޑް އެވޯޑާ ބެހޭ ގޮތުން ކުރަމަތި ރިސޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި އެވޯޑު ލިބުމަކީ ދެ ރިސޯޓަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ކުރަމަތި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުލް ލަތީފު ވިދާޅުވީ މި އެވޯޑު ލިބިފައިވަނީ ތިމާވެށީގެ ކަންކަމަށް އެ ރިސޯޓުން ބަހައްޓާ އަހައްމިއްޔަތުގެ ސަބަބުން ކަމަށާއި، މި ކާމިޔާބު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ޓްރެވަލް ލައިފް ގޯލްޑް އެވޯޑަކީ ދެމެހެއްޓެނިވި ޓޫރިޒަމަށް ދޭ ހާއްސަ އެވޯޑެވެ.
ކުރަމަތި ރިސޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓެވެ. މި ރިސޯޓުގައި ހިތްގައިމު ވިލާތައް ހުންނައިރު ހިތް ގައިމު ތިން ސުވިމިން ޕޫލްވެސް އޮވެއެވެ. އަދި ޓެނިސް ކޯޓު ފަދަ ކުޅިވަރުގެ ވަސީލަތްތައް ވެސް ގާއިމް ކޮށްފައިވެ އެވެ. އދ. އަތޮޅުގައި އޮންނަ މާފުށިވަރު ރިސޯޓަކީ 500 މީޓަރުގެ ހިތްގައިމު އަދި ވަރަށް މަޝްހޫރު ރިސޯޓެކެވެ.