މާދަމާއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ލޯކަލް ކައުންސިލް އިންތިހާބުގެ ރީރެޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަނުން ކުރިން ނިންމާފައިވަނީ މިއަދުން ފެށިގެން ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ފަށާށެވެ.
އިންތިހާބާބެހޭ އެކި މަސައްކަތް ކުރަން އީސީ އިން ވަނީ އިންތިހާބީ މަރުކަޒެއް ބާ ޖަމާލުއްދީނުގައި ގާއިމްކޮށްފަ އެވެ. އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމާއި އިންތިހާބާގުޅޭ ބޮޑެތި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި މަރުކަޒުގަ އެވެ.
ރީ-ރަޖިސްޓްރޭޝަންގެ ހިދުމަތް ދިނުމަށް އެ މަރުކަޒުގައި 13 ކައުންޓަރު ގާއިމްކޮށްފައި ވެއެވެ. އެ ކައުންޓަރުތަކުން ހިދުމަތްދޭނީ ޓޯކެން ނަމްބަރު ދޫކޮށްގެންނެވެ. އެ މަސައްކަތަށް އީސީން ވަނީ 60 އަށްވުރެ ގިނަ ވޮލަންޓިއަރުން ހޯދާފަ އެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ވާދަ ކުރުމަށް ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ.