ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓަށް އެދުމުގެ ފުރުސަތު މިމަހުގެ 21 އަށް އިތުރުކޮށްފި އެވެ. ޓިކެޓް ދޫކުރުމަށް ކުރިން ކަނޑައެޅި މުއްދަތު ހަމަވަނީ މިއަދު އެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި އޮތް މުއްދަތު އިތުރު ކޮށްދިނުމަށް އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދެމުންދާ ކަމަށެވެ. އެހެންކަމުން ކުރިން ކޮށްފައިވާ އިއުލާނުގައި ޕާޓީގެ ޓިކެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު 21 ނޮވެމްބަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް ޓިކެޓުގައި ވާދަކުރާ މެންބަރުންގެ މެދުގައި ޕްރައިމަރީ ބާޢްވަން ނިންމާފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި އެ ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 15ގެ ކުރިން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށެވެ.
ޕީޕީއެމުން ބުނީ ކުރިއެކޭވެސް އެއްގޮތަށް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ފޯމް ބަލައިގަންނާނެ ކަމަށެވެ. ހުކުރު ދުވަހު ފޯމް ބަލައިގަންނަ ގަޑިއަކީ މެންދުރު ފަހު 2:00 އިން ރޭގަނޑު 22:00 އެވެ.