ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލަރުންގެ އަދަދު ގިނަ ކަމަށް ރައްޔިތުން އެއްބަސްވޭ: ދިރާސާ

ލޯކަލް ކައުންސިލްތަކަށް އިންތިހާބުކުރާ މެންބަރުންގެ އަދަދު އިތުރު ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އެމްއެންޔޫ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.

މި ދިރާސާގައި 1،159 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާއިރު 113 ފަރާތަކާއެކު ފޯކަސް ގްރޫޕްތައް ބާއްވާފައިވެ އެވެ.

ކައުންސިލަރުންގެ އަދަދު އިތުރު ކަމަށާއި މެންބަރުން އިންތިހާބުކުރެވޭ އަދަދު ކަނޑައަޅަންވާނީ ދާއިރާގެ އާބާދީއަށް ބެލުމަށްފަހު ކަމަށް ދިރާސާގެ ބައިވެރިން ބުނެ އެވެ.

މީގެ އިތުރުން އިންތިހާބު ކުރެވޭ ކައުންސިލަރުންނަކީ ތައުލީމީ އަދި ގާބިލު ބަޔަކަށް ވާންޖެހޭ ކަމަށްވެސް ގިނަބަޔަކު ގަބޫލުކުރެ އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ދިރާސާކުރުމުގެ މަސައްކަތް އެމްއެންޔޫ އާ ހަވާލުކުރިކަން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ހާމަކުރެއްވީ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މި އަހަރުގެ ޖުލައި މަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ދިރާސާގެ އަލީގައި ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުންނާ ގާތަށް މި މަސައްކަތުގެ މަޝްވަރާއަށް "ސައްލާ" ކުރުމަށް ހުޅުވާލާނެ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.