ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން އެންޓި ކެމްޕޭން ކުރި ނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ނުނުކުތީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެފައި ވާތީ ކަމަށް މާލޭގެ މޭޔަރު ކަމަށް އިންތިހާބްވެ ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެންޓި - ކެމްޕޭން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ނަމަވެސް އިދިކޮޅު އެމްޑީޕީން މުއިއްޒާ ދެކޮޅަށް ވަރަށް ވަރުގަދަ އެންޓި ކެމްޕޭންތަކެއް މިފަހަރު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެ އެންޓި ކެމްޕޭންތަކާއެކު ވެސް މުއިއްޒު މާލޭގެ މޭޔަރުކަން ނެންގެވީ ބޮޑު ތަފާތަކުން ނެވެ.
ރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވީ ބަޔަކު އެގޮތަށް މީހަކަށް އެއްޗެއް ކިޔައިގެން ފައިދާއެއް ނުވާނެ ކަމަށެވެ. އޭނާގެ މިޒާޖުގައި ވެސް އެއީ ނެތް ކަމެއް ކަމަށެވެ.
އެންޓި ކެމްޕޭންތައް މަޖިލީހުގެ ޖަލްސާތަކުގައި ވެސް އެމްޑީޕީން ފޯރިއާއެކު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ގަބޫލެއް ނުކުރައްވަ އެވެ. ވިދާޅުވީ އެންޓި ކެމްޕޭންތައް ރަނގަޅަށް ކުރެވުނު ނަމަ މާލެ ސިޓީ ކާމިޔާބު ކުރެވުނީސް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ ކޮންމެ މީހަކަށްވެސް ވާހަަކަތަކެއް ހަދައިގެން ދެއްކިދާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރި އެންޓި ކެމްޕޭންގައި ތެދު އެއްްވެސް ވާހަކަ ދެއްކުނުތޯ ވެސް މުއިއްޒު ސުވާލު ކުރެއްވި އެވެ.
"މާލޭގެ ރައްޔިތުން ވަރަށް ހޭލުންތެރި. ވަރަށް ތައުލީމީ މުޖުތަމައުއެއް މިތާ މިއޮތީ. ވަރަށް ގިނަ ޒުވާނުންނާއި ބޭފުޅުންނަކީ އަދި އިސްރަށްވެހިންނަކީ ވެސް ހަމަ ވަރަށް ތައުލީމް ލިބިފައި ތިބި ބޭފުޅުން. ވަރަށް ގިނަ ދުވަހު ތަޖުރިބާ ވެސް ހޯއްދަވައިފައި ތިބި ބޭފުޅުން. ގިނަ އަަހަރުތަކެއްގެ ތަޖުރިބާ. ގައުމީ ލެވަލްގައި ވެސް ފަރުދީ ލެވަލްގައި ވެސް މަސައްކަތް ކޮށްފައި. އެ ހުރިހާ ރައްޔިތުންނަކީ ބަޔަކު ދޮގު ވާހަކަތަކެއް ދެއްކިޔަސް އެންޓި ކެމްޕޭންކޮށްގެން ވާހަކަތަކެއް ދެއްކިޔަސް އެހާ ފަސޭހައިން ގަބޫލެއް ނުކުރާނެ ބައެއް ނޫން،" މުއިިއްޒު ވިދާޅުވި އެވެ.