ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒުގެ ކެމްޕޭން އިފްތިތާހު ކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޭނާގެ ކެމްޕޭން އިފްތިތާހު ކޮށްފި އެވެ.

މުއިއްޒުގެ ކެމްޕޭން އިފްތިތާހް ކުރީ އޭނާގެ އަމިއްލަފުޅު ގެ، މ. ދިމްޔާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އޭނާ ނައިބު ރައީސްކަން ކުރައްވާ ޕީޕީއެމާއި އަދި އެ ޕާޓީއާއެކުގައި މަސައްކަތް ކުރާ ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކެމްޕޭން އިފުތިތާހު ކޮށް ދެއްވުމަށް ފަހު މުއިއްޒުގެ ތަސައްވުރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ މުހިންމު އަމާޒުތައް ވަރަށް ރަނގަޅަށް އޭނާއަށް އެނގި ވަޑައިގަންނަވާ ކަމަށެވެ. އަދި އެ އަމާޒުތަކަށް ވާސިލްވާން އެކި އެކި ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ އެދެވޭ ނަތީޖާ ނެރެދެއްވިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

"އަޅުގަނޑު މިއަދު ނުކުންނަނީ އިރާދަ ކުރެއްވިއްޔާ އެ ދައުރުގައި ލިބުނު ފުރުސަތުގައި ކުރެއްވުނު ތަޖުރިބާތަކުގެ އަލީގައި މާލޭގެ ރައްޔިތުންނަށް ނަތީޖާ ނެެރެދެވޭ ފަދަ މަސައްކަތްތަކެއްް ކުރުމުގެ އަޒުމުގައި އެ އަމާޒަށް ވާސިލުވާން" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލި އަޅުވާލައްވައި މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި އަދި އެއީ ކޮންމެ ސަރުކާރުން ވެސް އެންމެ އިސްކަން ދޭން ޖެހޭ އެންމެ އަސާސީ މަސައްކަތް ކަމަށެވެ. އެކަމުގައި ވެސް އެންމެ އެދެވޭ ނަތީޖާ ނެރެ ދެއްވީ ރައީސް ޔާމީންގެ ސަރުކާރުކަން މުއިއްޒު މިއަދު ފާހަގަ ކުރެއްވި އެވެ.

މާލޭގެ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅާއި ގުޅިފަޅު ހިއްކައި މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ރައީސް ޔާމީންގެ ސަރުކާރުން އިއުލާނު ކުރެއްވި އެވެ. އަދި އެ މަޝްރޫއުގެ ދަށުން 5000 އަށްވުރެ ރައްޔިޔުންނަށް ލިޔުން ވެސް ނިމިގެން ދިޔަ ސަރުކާރުގައި ދިނެވެ.

"މިހާރުގެ ސަރުކާރުން ކޮބައިތޯ އެ ލިޔުންތަކަށް ހެއްދެވި ގޮތަކީ؟ ރައްޔިތުން އެބަހުރި އިހުސާސްތަކެއް، ރައްޔިތުން ބޭނުންވޭ ގެދޮރު ހާސިލްވާން ބޭނުންވާ ދާއިމީ އަމާޒަށް. ރައްޔިތުން ގެދޮރުވެރިވުމުގެ މި އަމާޒަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި އެކީގައި ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވައި ދިނުމުގައި އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. ރެ އާއި ދުވާލު މަސައްކަތް ކުރަން ޖެހުނަސް އަޅުގަނޑު މިހުރީ ވަރުގަދަ އަޒުމެއްްގައި." މުއިއްުޒު ވިދާޅުވި އެވެ.

ގުޅި ފަޅު ތަރައްގީކޮށް އެތަނުން ގޯތި ދޭން ކުރީގެ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް މިހާރުގެ ސަރުކާރުން ގުޅިފަޅުގައި ޕޯޓެއް އަޅަން ނިންމި ނިންމުމަށް މުއިއްޒު މިއަދު ވެސް ފާޑުވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްުވެވި ރިޔާސީ ބަޔާނުގައި އެ ޕޯޓްގެ މަސައްކަތް މި އަހަރުގެ ފަށާނެ ކަަމަށް ވިދާޅުވި އެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހަގީގީ ވިސްނުން ހުރީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ވެގެން ދިއުމަށް ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ވާހަކަތައް ރައްޔިތުންގެ ފަރާތުން މި އުއްމީދުގައި ސަރުކާރަށް އިއްވައި ދޭނަން" މުއިއްޒު ވިދާޅުވި އެވެ.

މާލެއަކީ ކިތަންމެ ތޮއް ޖެހިފައި އޮތް ތަނެއް ނަމަވެސް ރަނގަޅަށް ޕްލޭނެއް ކޮށްފިނަމަ އެ ބިމުން ޒުވާނުންނަށާއި އަންހެނުންނަށް ފުދުންތެރި ދިރިއުޅުމެއް މަގުފަހި ކޮށްދިނުމަށް ކިތަންމެ ވަސީލަތްތަކެއް ފަހިކޮށް ދެވިދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެފަދަ ފުދުންތެރި ދިރިއުޅުމެއް ހޯދައިދޭން ޒުވާނުންނާއި އަންހެނުންނާއެކު މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މާލޭގައި ޕާކްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ކިރިޔާވެސް ރައްޔިތުންނާ މެދު ވިސްނާނަމަ މިހާރު އޮތް ހާލަތަށް ބަދަލުތައް ގެނެވޭނެ ކަމަށެވެ.

"މަގުކުގައި ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތް މިހާރަށްވުރެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ދެމެހެއްޓިނިވި ގޮތެއްގައި އޭގެ ނަތީޖާ ދާއިމީ ގޮތެއް ލިބޭ ގޮތަށް އެ މަޝްރޫއު ވެސް ބައްޓަން ކުރަން ޖެހޭނެ. ތާރު އަޅަން ޖެހޭ ވަގުތުތަކުގައި ތާރު އެޅުން. އަދި ގާ އަތުރަން ޖެހޭ މަގުތުތަކުގައި ގާ އެތުރުން މިހާރަށްވުރެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތެއް ގާއިމްކޮށް ދެވޭނެ." މުއިއްޒު ވިދާޅުވި އެވެ.