އެލްޖީއޭ

ކައުންސިލަރުންގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ޝަކުވާ ގިނަ: ޒުލްފާ

ލާމަރުކަޒީ ގާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ކައުންސިލަރުން އަދާނުކުރުމުގެ ޝަކުވާތައް ގިނަ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްވަމުން ޒުލްފާ ވިދާޅުވީ ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ގާނޫނުގައިވާ ގޮތަށް އަދާނުކުރާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ކަމަށާއި އިންތިހާބުގެ ތެރޭގައި އެކި ވައުދުތައް ވީ ނަމަވެސް ކައުންސިލަރުންނަށް ބައެއް ފަހަރު އެ މަގާމުގެ މަސްއޫލިއްޔަތު ނޭނގޭ ކަމަށެވެ.

ޒުލްފާ ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށް ގާނޫނުގައި ބުނާ ކަންކަން ކުރުމުގެ ރޫހު ބައެއް ކައުންސިލަރުން ނުގެންގުޅުމެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކައުންސިލަރުން ހުވާކުރުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްގައި ބައިވެރިކޮށް އޭގެން ފާސްވުމުން ނޫނީ މަގާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ޒުލްފާ ހުށަހެޅުއްވި އެވެ.

މީގެ ކުރިންވެސް ކައުންސިލަރުން ތަމްރީނު ކުރަމުން ދިޔަ ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށްވެސް ޒުލްފާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާ ކުރުމުގެ މަރުހަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދުން،" ޒުލްފާ ވިދާޅުވި އެެވެ.

މިފަދަ ކޯހަކުން ފާސް ވެގެން ނޫނީ ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ސަބަބުން ކައުންސިލަރު ކަމަށް އައްޔަން ކުރާ މީހުންނަކީ ގާނުނާއި އެއްގޮތަށް އަމަލުކުރާ ބަޔަކަށް ވާނެ ކަމަށް ވެސް ޒުލްފާ ވިދާޅުވެފައިވެ އެވެ.