ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އަތޮޅު ތެރޭގެ ތިން ސިޓީއަށް ޑެޕިއުޓީ މޭޔަރުން ހޮވައިފި

އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރުންނަށް ހޮވުނު ބޭފުޅުން (ކ-ވ އަށް) އަލީ އަހްމަދު، މުހައްމަދު ޝުއާއު އަދި މުހައްމަދު ފިކުރީ
0%
0%
0%

މާލެ ފިޔަވާ ދެން އޮތް ތިން ސިޓީ ކައުންސިލަށް ޑެޕިއުޓީ މޭޔަރުން އިންތިހާބުން ކޮށްފި އެވެ.

އެގޮތުން އައްޑޫގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަށް ވޯޓުން ހޮވާފައިވަނީ ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އެވެ. އޭނާއާ ވާދަކުރެއްވީ އާމިނަތު އަދާލާ ރަޝީދުގެ އިތުރުން މުހައްމަދު ފައިސަލް އެވެ.

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހޮވާފައިވަނީ މުހައްމަދު ފިކުރީ އެވެ.

މުޅިން އަލަށް މިއަދު ސިޓީއެއް ގޮތަށް މަަސައްކަތް ފެށި ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ވޯޓުން ހޮވާފައިވަނީ އަލީ އަހްމަދު އެވެ. އިތުރު ބޭފުޅަކު އޭނާއާ ވާދަކުރައްވާފައެއް ނުވެ އެވެ.

އައްޑޫއާއި، ފުވައްމަލަކު އަދި ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރުންނަށް މިއަދުން އިންތިހާބު ކުރި ބޭފުޅުންނަކީ އެމްޑީޕީގެ ބޭފުޅުންނެވެ.

މާލެ ފިޔަވާ ދެން އޮތް ތިން ސިޓީގެ މޭޔަރުންގެ ގޮތުގައި ވެސް މިއަދު ހުވާކުރެއްވީ އެމްޑީޕީގެ ބޭފުޅުންނެވެ. އެގޮތުން އައްޑޫގެ މޭޔަރެއްގެ ގޮތުގައި އަލީ ނިޒާރު ހުންނެވިއިރު، ފުވައްމުލަކުގެ މޭޔަރަކަށް ހުންނެވީ އިސްމާއީލް ރަޝީދު އެވެ. އަދި ކުޅުދުއްފުށީގެ މޭޔަރަކަށް ހުންނެވީ މުހައްމަދު އާތިފް އެވެ

މާލޭގެ މޭޔަރުގެ ގޮތުގައި މިއަދު ހުވާކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް ކަމަށްވާތީ މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބު ވާނީ ޕީޕީއެމްގެ ބޭފުޅެއް ކަމަށް ޔަގީންކުރެވެ އެވެ.

ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ހޮވަނީ ކައުންސިލްތަކުގެ ހުރިހާ ކައުންސިލަރުން އެއް މަޖިލީހެއްގައި ހާޒިރުވެ ތިބެ ކުރިއަށް ގެންދާ ސިއްރު ވޯޓަކުންނެވެ. މާލޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އާއި މާލޭގެ ބައެއް ކައުންސިލަރުން ހޯމް ކަރަންޓީނުގައި ތިއްބެވީތީވެ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުން ވަނީ ފަސްކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ދުވަހު ބޭއްވި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި ޖުމްލަ 953 ކައުންސިލަރުން ވަނީ އިންތިހާބުގަ އެވެ. މީގެ ތެރެއިން ހަތް ރަށެއްގެ މަދު ކައުންސިލަރުން ތަކެއް ފިޔަވާ ދެން ހުރިހާ ރަށެއްގެ އަދި މާލޭގެ ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345