ދައުލަތުގެ ބަޖެޓް

އަންނަ އަހަރު ތަރައްގީއަށް 13 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް!

Nov 8, 2016
3
  • ތަރައްގީއަށް 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
  • ސިއްހީ ދާއިރާގެ 54 މަޝްރޫއެއް ހިންގާފައިވޭ
  • ތައުލީމީ ދާއިރާގެ އުމްރާނީ 107 މަޝްރޫއެއް ހިންގި

އަންނަ އަހަރު ބަޖެޓުގައި ތަރައްގީގެ މަޝްރޫތަކަށް 13.2 ބިލިއަން ރުފިޔާގެ ހިމަނައިފި އެވެ.

ރައްޔިތުން މަޖިލީހުގައި ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ބަޖެޓުގެ 60 ޕަސެންޓް ހިމަނާފައިވަނީ، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަމަށެވެ.

"ޕީއެސްއައިޕީގެ މަޝްރޫއުތައް ކަނޑައެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އިގްތިސާދީ މަސައްކަތް ކުރިއަރުވާ މަޝްރޫއުތަކަށް. އަތޮޅުތަކުގެ ތަރައްގީއަށް ހިންގޭ ސަރުކާރުގެ ތަރައްގީގެ އަމާޒުތައް ހާސިލްކުރާނެ މަޝްރޫއުތަކަށް. ޕީއެސްއައިޕީ ބަޖެޓުގެ 55 އިންސައްތަ ހޭދަކުރާނީ ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން. އަދި 45 އިންސައްތަ ހޭދަކުރާނީ ހިލޭ އެހީއިން،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބަޖެޓުން ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގިފައިވާ ކަމަށެވެ.

"ތިން އަހަރު ތަރައްގީގެ މައްތިނި [އިންފްރާސްޓަކްޗާ] މަޝްރޫއުތަކަށް 11 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ. މީގެތެެރެއިން ނުވަ ބިލިއަން ހަރަދުކުރީ ބަޖެޓުން. ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް އިސްކަންދީފައިވާނެ،" މުނައްވަރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުން ވަނީ ސިއްހީ މަރުކަޒާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ 54 މަޝްރޫއެއް 44 ރަށެއްގައި ހިނގާފައިވެ އެވެ. މަދަރުސާތަކުގެ އުމްރާނީ ތަރައްގީގެ 107 އަށްވުރެ ގިނަ 140 މަޝްރޫއު ހިންގި އެވެ. ސާދަ ރަށުގައި ބިން ހިއްކައި، ނުވަ ރަށުގެ ބަނދަރު ހެދި އެވެ. އަދި އިޔާދުކުރަނިވި ހަކަތައިގެ 117 މަޝްރޫއު ހިންގި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"ދެހާސް ސަތާރަ ވަނަ އަހަރު އަމާޒު ކޮށްފައިވާނީ ކުނި ނައްތާލުމާއި މެނޭޖު ކުރުމާއި އާރާސްތު ކުރުމާއި ހިއްކާފައިވާ ބިންތައް ތަރައްގީކޮށް. އިގްތިސާދީ މަސައްކަތް ފެށޭނެ މަގު ތަނަވަސް ކުރުން. ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީކޮށް، އައިހެވަން ތަރައްގީ ކުރުން،" މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވެސް އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި، އިތުރު ހަތަރު ޑޮމެސްޓިކް އެއާޕޯޓު ވެސް ހިމެނެ އެވެ.