ހަބަރު

ބޭރަށް ބޮންޑް ވިއްކައިގެން އެކަށީގެންވާ އާމްދަނީ ނުލިބިދާނެ: އެމްއެމްއޭ

Nov 15, 2016
  • ބޭރަށް ބޮންޑް ވިއްކަން ދައްޗާ ކުރިމަތިވާނެ
  • ޑޮމެސްޓިކް މާކެޓަށް ބަރޯސާވުން ބޮޑުވެދާނެ
  • ޓީބިލްގެ އިންޓަރެސްޓް ރޭޓް ބޮޑުކުރަން ޖެހިދާނެ

ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ބޭރުގެ އެކި ގައުމުތަކަށް ބޮންޑާއި އިސްލާމިކް ސްކޫކް ވިއްކުމަށް ބަޖެޓް ކޮށްފައި އޮތް ނަމަވެސް ސަރުކާރުން ބޭނުންވާ އެންމެ ރަނގަޅު ޓާމްސްގައި އެތަކެތި ވިއްކުމަކީ ދަތިކަމަކަށް ވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީއަށް އެމްއެމްއޭ އިން ހުށަހެޅި ފަންނީ ލަފާގައި ބުނެފައިވާ ގޮތުގައި މިއީ ބޭރުގެ ފަރާތްތަކަށް ސަރުކާރުން ބޮންޑާއި ސްކޫކް ވިއްކަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ސޮވަރިން ކްރިޑިޓް ރޭޓިން އާންމު ކުރުމުގެ ސަބަބުން ބޮންޑާއި ސްކޫކް ވިއްކުމަށް ފަސޭހަތަކެއް ވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

އެހެން ނަމަވެސް އިގްތިސާދާއި ކްރެޑިޓް ރޭޓިންގެ ގޮތުން ރާއްޖެއާ އެއް ހަމައެއްގައި ހުރި ގައުމުތަކުގެ ތަޖުރިބާ އަށް ބަލާއިރު ދައުލަތަށް އެންމެ އެދެވޭ ފަދަ ޓާމްސް އެންޑް ކޮންޑިޝަންގައި ބޮންޑް ވިއްކުމަށް ދަތިތަކާ ކުރިމަތިވުން އެކަށީގެންވާ ކަމަށް އެމްއެމްއޭ އިން ވަނީ އެ ލަފާގައި ބުނެފަ އެވެ.

ބަޖެޓްގައިވާ ގޮތުގައި، އިސްލާމިކް ސްކޫކް ވިއްކައިގެން 1.44 ބިލިއަން ރުފިޔާ ހޯދަން ވަނީ ބަޖެޓްކޮށްފަ އެވެ. އެ ފައިސާ ހަރަދު ކުރާނީ އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތަށެވެ.

އެމްއެމްއޭގެ ދެން އޮތް އެންމެ ބޮޑު ބިރަކީ، ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް ބުނެފައިވާ ފައިސާ އާއި މުޅިން އަލަށް ހޯދަން ބަޖެޓް ކޮށްފައިވާ ފައިސާ ނުލިބިދާނެތީ އެވެ. އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އެމްއެމްއޭ އިން ބުނަނީ، ބަޖެޓް ޑެފިސިޓް ފޫބައްދަން ޑޮމެސްޓިކް މާކެޓަށް އިތުރަށް ބަރޯސާވާން ޖެހޭނެ އެވެ. އޭގެ ސަބަބުން ބޮންޑް ގަނެފި ނަމަ ބޭންކްތަކަށް އޮންނާނެ ރިސްކްތަކަށް ބަލައި، ޓީ-ބިލްގެ އިންޓަރެސްޓް ރޭޓްތައް މިހާރު ހުރި ވަރަށް ވުރެ ބޮޑު ކުރަން ޖެހުން އެކަށީގެންވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. އެގޮތަށް ދިމާވެއްޖެ ނަމަ، ދައުލަތުގެ ދަރަނި އަނބުރާ ހަލާސްކުރުމަށް ހިނގާ ހަރަދު ބޮޑުވެގެން ދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.