ރާއްޖެ ކުޅިވަރު

ނިއު ބަލިކޮށް އީގަލްސް ޕްރެޒިޑެންޓް ކަޕްގެ ފެށުން ރަނގަޅު ކޮށްފި

ޕްރެޒިޑެންޓް ކަޕްގެ ގުރޫޕް އޭ ގެ ފުރަތަމަ މެޗްގައި ނިއުރޭޑިއަންޓްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކުލަބު އީގަލްސް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި އީގަލްސް ފުރަތަމަ ލަނޑަކީ މެޗްގެ 14 ވަނަ މިނެޓްގައި އީގަލްސް އިން އުފައްދަން އުޅުނު ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ނިއުގެ ޑިފެންޑަރު އަލީ ޝާމިއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭގެ ހަތަރު މިނެޓް ފަހުން އީގަލްސްގެ އަހްމަދު ރިޒުވާން ނިއުގެ ޕެނަލްޓީ އޭރިއާ ބޭރުން ހުޅަނގު ފަރާތުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ނިއުގެ ގޯލްގެ ކަނާ ދިމާލުން އިރުމަތީ ފަރާތުން ގޯލް ދަނޑި މަތިން ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ.

މެޗްގެ 30 ވަނަ މިނެޓްގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ ޕެނަލްޓީ އޭރިއާ ބޭރުން އީގަލްސްގެ ގޯލަށް ނުރައްކާތެރި ބޯޅަ އެއް ފޮނުވާލާފައެވެ. އީގަލްސްގެ ކީޕަރު ސުޖަން ޕެރާރާ ބޭރަށް ނިކުމެ ހުރުމުން، ގޯލް ތެރެއަށް ފޮނުވާލަން ހޮކޭ ޖެހި ބޯޅަ ގޯލް އޭރިއާ ރޮންގުމަތީގައި ހުރެފައި ސުޖަން ވަނީ އެބޯޅަ ދިފާއު ކޮށްފައެވެ.

އޭގެ ހަ މިނެޓް ފަހުން ނިއުގެ އިއްޒަތު އަބުދުލް ބާރީ އަށް އީގަލްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅުނު ނަމަވެސް ސުޖަން ވަނީ ކުރިއަށް ނިކުމެ އެ ބޯޅަ އިއްޒަތު ފޮނުވާލުމުގެ ކުރިން ސޭވް ކޮށްފައެވެ.

އޭގެ އެއް މިނެޓްފަހުން އީގަލްސްގެ މެސަޑޯނިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ރިސްޓޭ ނައުމޯފް ނިއުގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީގައި ހުރެފައި ފޮނުވާލި ބޯޅަ ނިއުގެ ޖަޕާން ކީޕަރު ޖުން ކޮޗީ ވަނީ ދިފާއު ކޮށްފައެވެ.

މެޗްގެ 39 ވަނަ މިނެޓްގައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕް) އީގަލްސްގެ ޑިފެންޑަރުންގެ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލަން އުޅުނު ބޯޅަ ވެހެމުން ދިޔަ ވާރޭއާ އެކު ދަނޑު ތެމިފައި އޮތުމުން އޭނާ ބޯޅަ ފޮނުވަލަން އުޅެނިކޮށް ކަހަލައިގެން ވެއްޓުމުން އޭނާ އަތުން ގެއްލުނު ބޯޅަ އީގަލްސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށް ކުރިއަށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ހަމްޕް އަށް ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ހުހައް ހުރި އަހްމަދު ސުހައިލް (ބަންޕުޗް) އަށް ދިން ނަމަވެސް އޭނާ ފޮނުވާލީ ބޯޅަ ދިޔައީ ގޯލް ދަނޑި ކައރިން ބޭރަށެވެ. އޭގެ ދެ މިނެޓް ކުރިންވެސް ބަންޕުޗްއަށް ލިބުނު ބޯޅަ އޭނާ އަށް ގޯލަށް ސީދާ ކުރެވޭ ގޮތެއް ނުވިއެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރުބަލި ކަމެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި އިބްރާހިމް މުބީން (މުއްކި) ކާމިޔާބު ކުރީ ނިއުގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލައިގެންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލް ދަނޑީގައި ޖެހުމަށް ފަހު ބޯޅަ އެނބުރިގެން ގޮހެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު ރިސްޓޭ ކާމިޔާބު ކުރީ އޭގެ ދިހަ މިނެޓް ފަހުން އީގަލްސްގެ ކުޅުންތެރިން ޕެނަލްޓީ އޭރިއާ ހުރަސް ކުރި ބޯޅަ އެއް ފަހަރުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

މިރޭ ކުޅޭ ގުރުޕް 'ބީ' ގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މުބާާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި މިދިޔަ އަހަރު މިނިވަން 50 ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސ. ފޭދޫ ފުޓްބޯޅަ ޓީމެވެ.