ލައިފްސްޓައިލް

ލޭ މައްޗަށް ދާ މީހުންގެ އާބާދީ ބިލިއަނަކަށް ވުރެ މައްޗަށް

Nov 16, 2016

ހައި ބްލަޑް ޕްރެޝާ ނުވަތަ ލޭ މައްޗަށް ދިއުމުގެ މައްސަލަ ދިމާވެފައިވާ މީހުންގެ އާބާދީ ފާއިތުވި 40 އަހަރު ތެރޭގައި ދެ ގުނަ އަށް އިތުރުވެފައިވާ ކަމަށާއި ލޭ މައްޗަށް ދާ މީހުންގެ އާބާދީ މިހާރު 1.1 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އާ ދިރާސާއެއްގައި ސައިންސްވެރިން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އިން އިސްނަގައިގެން ސައިންސްވެރިންގެ ބޮޑު ޓީމަކުން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާ އަކީ ލޭ މައްޗަށް ދާ މީހުން ދެނެގަނެ އެމީހުންގެ ސިއްހީ މައްސަލަތައް ހޯދައި ދެނެގަތުމަށް މިހާތަނަށް ހިންގި އެންމެ ބޮޑު ދިރާސާ އެވެ. މި ދިރާސާ 1975 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަ އަށް ދުނިޔޭގެ ހުރިހާ ގައުމެއްގައި އާންމުންގެ ބްލަޑް ޕްރެޝާ ބަލައި ދިރާސާކޮށްފައިވެ އެވެ.

ލޭ މައްޗަށް ދިއުމުގެ މައްސަލަ އަކީ ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ހިތާއި ސިކުނޑި އާއި ކިޑްނީ، ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތަކަށް ގެންގޮސްފާނެ ސިއްހީ މައްސަލަތަކެއް ކުރިމަތިކޮށްފާނެ މައްސަލައެކެވެ. ލޭ މައްޗަށް ދިއުމާ ގުޅިގެން ހިތް ހުއްޓުމާއި ސްކްރޯކް ފަދަ ސިއްހީ މައްސަލަތައް ދިމާވެގެން އަހަރެއްގެ މައްޗަށް ދުނިޔެއިން 7.5 މިލިއަން މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޑަބްލިއު އެޗް އޯ އިން ލެސެޓް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ގާތްގަނޑަކަށް 20 މިލިއަން މީހުންގެ ބްލަޑް ޕްރެޝާ ބަލައި ރިކޯޑްކޮށްފައިވާއިރު ލޭ މައްޗަށް ދިއުމުގެ މައްސަލަ އެންމެ ބޮޑީ ފަގީރު ގައުމުތަކުގައިކަން ފާހަގަކޮށްފައިވެ އެވެ. ތަރައްގީވެފައިވާ، މުއްސަނދި ގައުމުތަކުގައި ލޭ މައްޗަށް ދިއުމުގެ މައްސަލަ ދަށަށް ގޮސްފައިވާއިރު އެއީ ދުޅަހެޔޮ ލައިފްސްޓައިލެއްގެ ސިއްރު ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

މުޅި ދުނިޔެ އަށް ބަލާއިރު، ލޭ މައްޗަށް ދިއުމުގެ މައްސަލަ އެންމެ ކުޑައީ ދެކުނު ކޮރެއާ އާއި އެމެރިކާ އަދި ކެނެޑާގެ އާންމުންގެ މެދުގަ އެވެ.

ބޮޑެތި މީހުންނަށް ބަލާއިރު ހައި ބްލަޑް ޕްރެޝާއާ އެކު ދިރިއުޅެމުން އަންނަ އާންމުން އެންމެ ގިނައީ އޭޝިއާގަ އެވެ. ޗައިނާގައި ލޭ މައްޗަށް ދާ މީހުންގެ އާބާދީ 226 މިލިއަނަށް އަރާއިރު އިންޑިއާގައި މި އަދަދު 200 މިލިއަނަށް އަރަ އެވެ.