އަގުބޮޑު އަދި ރީތި އެއްޗެއް ލިބިއްޖެނަމަ އެ އެއްޗެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް އިޝްތިހާރު ކުރުމަކީ ދިވެހިންގެ ތެރޭގައި އެކަނި ފެތުރިގެން އުޅޭ އާދައެއް ނޫނެވެ.
މުޅި ދުނިޔޭގައިވެސް އެކަން އޮތީ އެގޮތަށެވެ. ދެއްކުންތެރިކަން އިންތިހާއަށް ގޮސްފައިވާ ޒަމާނެކެވެ. ހާއްސަކޮށް މުއްސަނދިންނެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް މުއްސަނދިކަން އެންމެ ގިނަ ބަޔަކަށް އިޝްތިހާރު ކުރަމުންދާ އެއް ބައެއްގެ ގޮތުގައި މަޝްހޫރުވެފައި މިވަނީ ޓިއުނީޝީއާގެ މީހުންނެވެ.
ޓިއުނީޝިއާގެ މުއްސަނދިންގެ ދަރިން އެމީހުންގެ މުއްސަނދިކަމާއި ފޮނިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ފޮޓޯތައް ދާދިފަހުން މިވަނީ ވައިރަލް ވެފަ އެވެ.
ގިނަ މީހުން ދަނީ އެމީހުންނާ ދިމާއަށް އެކި އެކި އެއްޗެހި ބުނަމުންނެވެ. އެމީހުންގެ މުއްސަނދިކަމުން އެހެން މީހުންގެ ނިކަމެތި ފެންވަރު ހަނދާން ކޮށްދީ ލަދުގަންނަވަމުންދާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ޓިއުނީޝިއާގެ މުއްސަނދިންގެ ދަރިން ސޯޝަލް މީޑީއާގައި ހިއްސާކުރާ ފޮޓޯތަކުގައި ގިނަ އަދަދެއްގެ ފައިސާ އެއްކޮށް ހިފައިގެން ތިއްބާވެސް ހުރެ އެވެ.
އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ގަހަނާ އާއި ކާރު ފަދަ ތަކެތީގެ ފޮޓޯތައް ޕޯސްޓުކޮށްފައި ހުރެ އެވެ. އަދި ދުނިޔޭގެ އެންމެ އަގުބޮޑު ގައުމުތަކަށް ދަތުރުކޮށް ނަގާފައިވާ ފޮޓޯތައް ހިއްސާކުރުމުގައިވެސް ދެއްކުންތެރިކަން އިންތިހާއަށް ހިމެނޭ ކަމަށް ގިނަ މީހުން ބުނެ އެވެ.