ލައިފްސްޓައިލް

ބޮޑީ ބިލްޑިންގެ އާ ތަރި، ކިޔެވުމުގައި ވެސް ވިދާ ތަރިއެއް!

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އެންމެ ފަސޭހައިން އަޅައިގަތީ އުމުރުން 18 އަހަރުގެ އަހްމަދު ރިފްއާން ރަޝީދެވެ. އެ މުބާރާތުގެ 165 ސެމްޓިމީޓަރަށް ވުރެ މަތީގެ ކެޓަގަރީގައި ބައިވެރިވެ ރިފްއާން ވަނީ ދެވަނަ ރަނަަަރަޕް ހޯދާފަ އެވެ. އެއީ ހަ މީހުންނާ ވާދަކޮށްގެންނެވެ.

އެކަަމަކު މިއުޅެނީ ރިފްއާންގެ އެ ވާހަކަ ދައްކާކަށް ނޫނެވެ. ބޮޑީ ބިލްޑިންގެ ކުރިން ރިފްއާން ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ ތައުލީމީ ދާއިރާގެ ވާހަކަ އެވެ. ތައުލީމީ ހަޔާތް ފެށިގެން އައިގޮތާއި ކާމިޔާބު ދަތުރަކަށް ހަދަން ރިފްއާން ކުރި މަސައްކަތްތައް ބަލައިލާށެވެ. ރިފްއާންގެ ޝައުގުވެރިކަން ބޮޑީ ބިލްޑިންގައި ހުރިވަރަށްވުރެ ކިއެވުމަށް ހުރި ޝައުގުވެރިކަންވެސް ކުޑައެއް ނޫނެވެ.

ގްރޭޑް އެކަކުން ފަށައިގެންވެސް އަބަދުވެސް އެއީ ކްލާހުގެ ނަމްބާ ވަން އެކެވެ. އޭ ރިޕޯޓު ނޫނީ ރިފްއާން ނުހޯދަ އެވެ. އޭރުން ފެށިގެން ކިޔެވުމަށް އޭނަގެ ޝައުގުވެރިކަން ހުރެ އެވެ. އެ އުމުުރުގެ ގިނަ ކުދިން ފަދައިން ގަދަަކަމުން ފޮތާއި ފަންސޫރު ދީފައި ރިފްއާން ބައިންދާކަށް ނުޖެހެ އެވެ. އޭގެ ކުރިން އޭނަ ހުންނާނީ ހޯމްވޯކްތައް ހަދާފަ އެވެ. ސްކޫލުން ދިން ފިލާވަޅުތައް ދަސްކޮށްފަ އެވެ. ގިނައިން ފޮތް ކިއުމުގެ ސަބަބުން ކިއުން ފަރިތަވެ ކަންތަައްތައް ނަގައިގަންނަން ރިފްއާނަށް ފަސޭހަ އެވެ.

ފަހަރުގައި ވެދާނެ އެވެ. ރިފްއާންގެ މަންމަ އަކީ ޓީޗަރަކަށްވާތީ ގޭތެރެ އަބަދުވެސް އޮންނަނީ ފޮތްތަކުން ފުރިފަ އެވެ. އެކި ކަހަލަ ފޮތްތަކެވެ. ވާހަކަ ފޮތްތަކާއި މައުލޫމާތުން ފުރިގެންވީ ފޮތްތަކެވެ. އެ ހުރިހާ ފޮތެއްގެ ކޮންމެ އަކުރެއް ވަކިވަކިން ރިފްއާނަށް އެނގޭނެ އެވެ. އޭނަ އަކީ ފޮތުގެ ދުނިޔޭގައި އުޅެ ބޮޑުވި ޒުވާނެކެވެ.

ކިތަންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފޮތްތައް ކީ ކަމުގައި ވީ ނަމަވެސް ގްރޭޑް އަށަކާއި ހަމައަށް އައި އިރުވެސް ރިފްއާނަށް ކުރިއަށް ދާންވީ ދާއިރާއެއް ކަނޑައެއް ނޭޅުނެވެ. ސައިންސް ސްޓްރީމާއެކު އިކޮނޮމިކްސް އިހްތިޔާރުކުރީ "ޑެސްކް ޖޮބެއް" ބޭނުންނުވާތީ އެވެ.

"ބިޒްނަސް އެންޑް ސައިންސް ދޯ މި އިންނަނީ. ދެ ދާއިރާއިންވެސް ދާން ބޭނުން އެކަމަކު އެހެން ނުވާނެތީވެ އިކޯން އާ އެކު ސައިންސް ސެގީ. ކުރިއަށްދާން ވަކި ދާއިރާއެއް ކަނޑައަޅައިގެނެއް ނޫން. ބޭނުންނުވީ ޑެސްކު ޖޮބެއްގައި އިންނަން. ބިޒަނަސް ކިޔަވައިގެން އެކައުންޓެންޓް ކަހަަލަ ޖޮބަކަށް ދާން ބޭނުންނުވީ. އެހެންވެ ސައިންސް ޗޫޒް ކުރީ،" ރިފްއާން ކިޔައިދިނެވެ.

ސައިންސް ސްޓްރީމް އާއެކު ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ ސެމިސްޓާގައި އެންމެ ހިންހަމަޖެހޭ ނަތީޖާއެއް ރިފްއާނަަށް ނުހޯދުނެވެ. ކެމިސްޓްރީ އުނދަގޫވީ އެެވެ. އެކަމަކު ކެމިސްޓްރީއިން އޭނަ އަށް "ބީ" އެެއް ލިބުނެވެ. އާ ހިތްވަރަކާއެކު ކިޔަވާ އޯ ލެވެލް އިމްތިހާނު ހަދަން އޭނަ އިށީނީ ހުރިހާ މާއްދާއަކުން "އޭ" ހޯދަން ހިތުން އަޒުމް ކަނޑައަޅައިގެންނެވެ. ދެ "އޭ ސްޓާ" އެއް "ބީ" އަދި ދެން ހުރި ހުރިހާ މާއްދާއަކުން އޭ ހޯދައިގެން ރިފްއާންގެ ނަން ވިދާލި އެވެ. ދަރުމަވަންތަ ސްކޫލްގެ އެ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އޭނަ ހާސިލް ކުރި އެވެ.

"އަބަދުވެސް ކިޔަވައިދޭ ގަޑީގައި ވަރަށް ރަނގަޅަށް އަޑުއަހަން. ދެން ގެއަށްގޮސްފައި ފިލާވަޅު ކިޔާލާއިރަށް ދަސްވާނެ. އިތުރު ހަރަކާތުގައި އުޅޭތީ އެހާ ވަގުތެއް ނުވޭ. ކަމެއް ނެތިއްޔާ އަބަދުވެސް އުޅޭނީ ކިޔަވަން. ސްކޫލްގައިވެސް ނިންމާފައި މަޑުކުރަން ޓީޗަރުންނާއެކީގައި ކިޔަވަން." ރިފްއާން އޭނާގެ ފޮނި ނަތީޖާ ހާސިލްކުރި ގޮތް ކިޔައިދިނެވެ. "ޓިއުޝަންވެސް ނަގަން ފެށީވެސް 10ގައި، ދެން ގޭގައި ހުރިހާ ވަގުތެއްގައިވެސް ކިޔަވަން. އިތުރު ހަރަކާތްތަކުގައި އުޅެން. ދެން ޓެސޓު ކައިރީވީމަ ޕާސްޕޭޕަރު ހަދަނީ،"ރިފްއާން ބުންޏެވެ.

މިހާރު ސީއެޗްއެސްސީގެ 12ގައި ކިޔަވަމުން އަންނަ ރިފްއާން މުސްތަގުބަލުގައި ފެންނާނީ އެއާކްރާފްޓް އިންޖިނިއަރެއްގެ ގޮތުގަ އެވެ. އޭ ލެވެލް ނިންމުމަށްފަހު ދުވަސްކޮޅަކު ވަޒީފާ އަދާކުރުމަށްފަހު ރިފްއާން އޭނާގެ "ކެރިއާ" ހަގީގަތަތަކަށް ހަދަން މަސައްކަތް ފަށާނެ އެވެ. މުސްތަގްބަލުގައި އެއާކްރާފްޓް އިންޖިނިއަރެއްގެ ގޮތުގައި ފެނުނަސް އޭނާ ބޮޑީ ބިލްޑިންގެ ދާއިރާއަކުން ނުގެއްލޭނެ އެވެ. ޕެޝަން އެއްގެ ގޮތުގައި ރިފްއާން ވަނީ ބޮޑީ ބިލްޑިންގެ ދާއިރާއިން ކުރިއަށް ދާށެވެ.