ލައިފްސްޓައިލް

ލަވަ އަޑުއަހާ މީހުންނަށް މިއޮތީ "ލަވަފޮށި"

ލަވަޔާއި މިއުޒިކަކީ މިއަދު ޒުވާނުންގެ ދުނިޔެ އެވެ. އިނގިރޭސި، ހިންދީ، ދިވެހި، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ބަހަކުން ހަދާފައި އޮތް ލަވައެއް ނަމަވެސް އިސްތިސްނާއެއް ނެތެވެ. މަޑުމައިތިރި، އަވަސް، މެޓަލް ޖޭޒް މިހެން ގޮސް ހުރިހާ ރަހައެއްގެ ލަވަތަކުގެ ނުފޫޒު ދިވެހިންގެ ތެރެއަށް ވަދެފައި އޮތީ އާދައިގެ ވަރަކަށް ނޫނެވެ.

މަގުމަތީގައި ހިނގާފައިދާ އިރުވެސް، ނިދަން އޮންނައިރު އަދި ރައްޓެހިންނާއެކީ ކޮފީތަކަށް ގޮސް އުޅޭއިރު ވެސް ލަވައެއް އަޑުއަހާނުލާ ހިތްހަމައެއް ނުޖެހެ އެވެ. ފޯނުގައި ކިތަންމެ މެމޮރީ ބޮޑު ނަމަވެސް ދެބައިކޮށްފަ އެއްބައި ހާއްސަކޮށްފައި އޮންނަނީ މިއުޒިކަށެވެ. އާ ލަވައެއް ނުވަތަ އަލްބަމެއް ރިލީޒްކުރުމާއެކު އެ ލަވައެއް ޕްލޭ ލިސްޓަށް އިތުރުކޮށްލަ އެވެ. ލަވަ ޑައުންލޯޑު ކުރުމުގެ އިތުރުން "ސައުންޑް ކްލައުޑު" އިން ލަވަ ޖަހާ މީހުންވެސް ވަރަށް ގިނަ އެވެ.

އެހެން ވީމާ ލަވަ ޖަހާ މީހުން އުފާކޮށް އަތްޖަހައިންވީ ވަރުގެ އުފާވެރި ހަބަރެއް އެބަ އޮތެވެ. ރާއްޖޭގަައި އުފެއްދި ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" އެޕް މިވަނީ ލޯންޗުކޮށްފަ އެވެ. ޓްރިއަލް މުއްދަތުގެ ގޮތުގައި ހިލޭ ތިން މަސް ދުވަސް ދީފައިވާއިރު މި ތިން މަސް ދުވަހުގެ ތެރޭގަިއ އެ އެޕްލިކޭޝަން މެދުވެރިކޮށް ހިލޭ ލަވަ އަޑުއަހަންވީ އެވެ.

ލަވަފޮށި މިއަދު ލޯންޗުކުރި އިރު ހަމައެކަނި ރާއްޖޭގެ 250 އަށްވުރެ ގިނަ އާޓިސްޓުންގެ 10،000 އަށްވުރެ ގިނަ ލަވަ ހިމެނެ އެވެ. އޭގެ ތެރޭގައި ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އުފައްދާފައިވާ ލަވަތައް ހިމެނޭނެ އެވެ. އެ އެޕްލިކޭޝަންގައި ހުރިހާ ލަވައެއްވެސް ހިމަނާފައިވަނީ އެ ލަވައެއްގެ އަސްލު ހެދިމީހުންގެ ހުއްދަ އާއި އެކު އެންމެ ރަނގަޅު ކޮލިޓީގަ އެވެ.

ހިލޭ ލަވައަޑުއެހޭ މުއްދަތު ނިމުމުންވެސް ދައްކަން ޖެހޭނީ ކުޑަ ފީ އެކެވެ. އެ އެޕްލިކޭޝަން މިހާރު ގޫގްލް ޕްލޭސްޓޯރުން ފޯނަށް އަޅާލެވޭނެ އެވެ. އަދި އައިއޯއެސް އެޕްސްޓޯރުންވެސް ދެތިން ދުވަހެއް ތެރޭގައި މި އެޕް އަޅާލައިގެން ލަވަ އަޑުއަހާލުމުގެ ފުރުސަތު ލިބޭނެ އެވެ.

"ލަވަފޮށީ"ގެ ފައުންޑާ އަދި ސީއީއޯ އަބްދުﷲ ނާޒިމް ބުނި ގޮތުގައި އެ އެޕްލިކޭޝަންގެ ބޭނުމަކީ ދިވެހި މިޔުޒީޝަނުންގެ ލަވަތައް އެތަނަކުން އަޑުއަހާލުމުގެ ފުރުސަތު މީހުންނަށް ތަނަވަސްކޮށްދިނުމެވެ. މީގެ ސަބަބުން އާޓިސްޓުންގެ ފޭން ބޭސް އިތުރުކުރުމަށް ބާރަކަށް ވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"ލަވައެއް އުފައްދަން އާޓިސްޓުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެ މަސައްކަތްތައް އަޅުގަނޑުމެން ބަލައިގަންނަން، އަޅުގަނޑުމެން ބޭނުންވޭ އާޓިސްޓުން އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުމެއް ދޭން،" ނާޒިމް ބުންޏެވެ.

ނާޒިމް ބުނީ، ޓްރިއަލް މުއްދަތުގައި އާންމުންނާއި އާޓިސްޓުންގެ ފަރާތުން ލިބޭ ފީޑްބެކަށް ބަލާފައި އެ އެޕްލިކޭޝަން އިތުރަށް ތަރައްގީ ކުރާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ އެޕލްިކޭޝަން އަށް ގެންނަ ބަދަލުތަކާއެކު އެޕްލިކޭޝަން އަޕްޑޭޓްތައް ކަސްޓަމަރުންނަށް ކުރިއަށް އޮތްތާ ލިބޭނެ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހަކަމާއެކު އެ އެޕްލިކޭޝަންގެ ބޭނުން ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ޓީމުން ވަނީ މިހާރު ވެސް ފަށައިފަ އެވެ.

ލަވަފޮށި އެޕްލިކޭޝަނުން މިހާރުވެސް އަޑުއަހާލަން އެންމެ ބޭނުންވާ އެންމެ ރީތި ލަވަތަކުގެ ޕްލޭލިސްޓުތައް ތައްޔާރު ކުރެވޭނެ އެވެ. އަދި ރައްޓެހިން ތައްޔާރުކޮށްފައި ހުންނަ ޕްލޭ ލިސްޓުތަކުން ލަވަ އަޑުއަހައި ވެސް ލެވޭނެ އެވެ. އެހެން ވީމާ އެންމެ ގަޔާވާ ލަވަތަކާ އެކު އަވަހަށް ޕްލޭލިސްޓުތައް ހަދާލާށެވެ. އަދި އެއަށް ފަހު ސޯޝަލް މީޑިއާގައި ބޭނުން ނަމަ ލަ ލިސްޓް ޝެއާކޮށްލެވޭނެ އެވެ. އަދި ފަހުން އަޑުއަހާލަން ލަވަފޮށިން ލަވަ ޑައުންލޯޑުވެސް ކޮށްލެވޭނެ އެވެ.