ލަވަކިޔަން ކިތަންމެ ބޭނުންވެފައި ހުއްޓަސް އެންމެ ފުރަތަމަ އޭނާ ހުރީ ލިބުނު ފުރުސަތުތަކުގައި ނުހިފަން ނިންމައިގެންނެވެ. ސްކޫލްގައި ބޭއްވި މުބާރާތްތަކުގައި ވެސް އޭނާ އާންމުކޮށް ބައިވެރިއެއް ނުވެ އެވެ. އެކަމަކު ވެސް ރީއްޗަށް ލަވަކިޔާ ކުއްޖަކަށްވާތީ ލަވަ މުބާރާތްތަކުން އޭނާ އަށް އެހާ ފަސޭހައިން ބޮލެއް ދަމައެއް ނުގަނެވެ އެވެ.
އެހެންވެ އޭނާ އަށް ޖެހުނީ، ކޮންމެހެން ކުރަން ބޭނުންނުވި ކަންތައް ވެސް ކުރާށެވެ. އެގޮތުން ލަވަކިޔައިގެން ސްކޫލް މުބާރާތްތަކުން އެކި ވަނަތައް ވެސް އޭނާ ހާސިލުކޮށްފައިވެ އެވެ.
މިއީ ގިނަ ބައެއްގެ މެދުގައި މަގްބޫލުވަމުން އަންނަ ހިތްގައިމު ލަވަތަކެއްގެ ފަހަތުގައި ހުރި 21 އަހަރުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު ސާދިންގެ ވާހަކަ ފެށިގެން އަންނަ ގޮތެވެ. ދިވެހި ލަވަ އާއި ޅެންވެރިކަމުގެ މާ ބަގީޗާގައި އޭނާ ކުޅެމުން އަންނަ މި ހިތްގައިމު ރާގުތަކުން އެންމެ ބޮޑަށް ހަނދާންވެގެން ދަނީ އޭނާގެ މަޝްހޫރު ބައްޕަ އަލީ އަބްދުލް ކަރީމް ނުވަތަ ބޮޑަށް މަޝްހޫރު ނަމުން ނަމަ، ރުކުމާ އަލީގެ އަމިއްލަ ރާގާއި ލަވަ އާއި އޭގެ ޅެންވެރިކަމެވެ.
ރުކުމާ އަކީ ވެސް އޭނާގެ އަމިއްލަ ރާގުތަކާއި އޭގޭ ތޫނުކަމުން އެއް އިރެއްގައި ހިތްތަކެއް ކަތިލި ފަންނުވެރިއެކެވެ. އެ ދުވަސްތައް ފާއިތުވެގެން ދިޔަ ނަމަވެސް "ރުކުމާ އާއިލާ" ގެ ހިތްގައިމު ރާގަށް ނިމުމެއް ނެތްކަން މި ވަނީ ސާބިތުކޮށްދީފަ އެވެ.
ބައްޕަ ފަދައިން ސާދިން ވެސް ބޮޑަށް ހާއްސަވެފައި ވަނީ އަމިއްލަ ރާގުތަކަށެވެ. ކުޅެން ދަސްކުރި ގިޓާއިން އޭނާ އެންމެ ފުރަތަމަ އުފައްދަން ފެށީ ވެސް އަމިއްލަ ރާގެވެ.
"ލަވައެއް ހެދެނީ އޭރަކު އެ އަންނަ އިހްސާސަކުން. އުފާވެރި ކަމެއް އިހްސާސް ކުރެވޭ ހިނދު އުފާވެރި ލަވައެއް ހެދިދާނެ. ބިރުވެރި އިހްސާސްތަކެއްގެ ތެރެއިން ބިރުވެރި ފީލްގެ ލަވައެއް ވެސް ހެދިދާނެ. އެކަހަލަ ގޮތަކަށް އާންމުކޮށް ލަވަ ހަދަނީ. ބައެއް ފަހަރަށް ލަވަ ހަދަނީ ފުރަތަމަ ޅެން ހަދައިގެން އެއަށް ރާގު ހަދައިގެން. ނުވަތަ ރާގު ފުރަތަމަ އަށް ހަދައިގެން ދެން ޅެން ހަދައިގެން،" މަޑުމައިތިރި މިޒާޖެއްގައި ލަވަ އާއި މިއުޒިކްގެ ވާހަކަ ދައްކަވަމުން ސާދިން ކިޔައިދިނެވެ.
"އެގޮތުން އެންމެ ފުރަތަމަ ވެސް ކަވާ ލަވައެއް ކުޅެން ދަސްކުރުމުގެ ބަދަލުގައި މަސައްކަތްކުރެވުނީ އަމިއްލަ ރާގުގެ ލަވައެއް އުފެއްދުމަށް."
މިގޮތަށް ފެށި ދަތުރުގައި އޭނާ ގެނެސްދީފައިވާ ލަވަތަކަކީ ކަންފަތަށް ވަރަށް ފަސޭހަ، އަހައި ފޫހިނުވާ ފެންވަރުގެ ލަވަތަކެއްކަން ފާހަގަކޮށްލެވެ އެވެ.
"ގިޓާ ކުޅެން ދަސްކުރީ އެންމެފުރަތަމަ ކަލާފާނު (ސްކޫލްގައި) އުޅެމުން. އެއީ ބައްޕަ އަތުން ހޯދި ސީޑީއަކުން ބަލައިގެން އަމިއްލަ އަށް ދަސްކުރީ،" ގިޓާގެ އިތުރުން ކީބޯޑާއި ހާމޮނިކާ ވެސް ކުޅުމުގެ ހުނަރު އަމިއްލަ އަށް ދަސްކޮށްފައިވާ ސާދިން ބުންޏެވެ.
" ބައްޕަ ދަސްކޮށްދޭ، ވަރަށް އިންޓްރެސްޓިން ގޮތަކަށް ދަސްކޮށްދޭނީ. މިސާލަކަށް ޗެލެންޖެއްގެ ގޮތުގައި ދަސްކޮށްދޭން ބޭނުންވާނީ. އެގޮތުން ފަސް ވަރަކަށް ސްކޭލް ދަސްކޮށްދޭށޭ ބުންޏަސް ބައްޕަ ފުރަތަމަ ދަސްކޮށްދޭނީ އެންމެ ސްކޭލްއެއް. ދަސްކޮށްދިނީމަ އޭގެ ލޮގިކް ނުވަތަ ތިއަރީ ދަސްކޮށްގެން ދެން އަމިއްލަ އަށް ދަސްކުރަން ޖެހެނީ. އެގޮތަށް އެހެން ގޮސް ފަރިތަވަމުން ގޮސް މިވަރުވީ."
ސާދިންގެ މި އާދަޔާހިލާފު ހުނަރާއި ޝައުގުވެރިކަމުގެ ތެރެއިން ގޮސް އޭނާ ވަނީ ލިއޮވިލްގެ ނަމުގައި އެކުވެރިންތަކަކާ އެކު ބޭންޑެއް ވެސް އުފައްދައިފަ އެވެ. ލިއޮވިލްގެ ހުރިހާ ލަވަތަކެއްގެ ވެސް މޭސްތިރިއަކީ ސާދިން އެވެ.
ބޭންޑާ އެކު ސާދިން ގެނެސްދީފައިވާ މަޝްހޫރު ލަވަތަކަށް ބަލާ ނަމަ، ބިނދެލަން އާއި ޒަވިކަން އަދި ނޭވާ ފަދަ މަގްބޫލު ލަވަތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ލާލު އާއި ހަންހޫނު ފަދަ ލަވަތަކަކީ ވެސް އޭގެ ހިތްގައިމު މިއުޒިކަށާއި ޅެންވެރިކަމަށް ފާހަގަކޮށްލެވޭ ލަވަތަކެވެ.
ސާދިން އާއި ލިއޮވިލް އިން ޒުވާން ލަވަކިޔުންތެރިޔާ ބަތޫލްއާ އެކު ރިކޯޑްކޮށްފައިވާ ލަވަ "ސޫރަތިޔޭ" އަކީ ވެސް އެހުންތެރިންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޔާމިންއާ އެކު ސާދިން ރިކޯޑްކޮށްފައިވާ ހިޔާލު ވެސް ފާހަގަކޮށްލެވެ އެވެ.
ޑިންބެ ނަމުން އެކުވެރިންގެ މެދުގައި މަޝްހޫރުވެފައިވާ ސާދިން ބުނީ މީގެ ތެރެއިން ގިނަ ލަވަތަކީ ވަރަށް ކުރީގެ އުފެއްދުންތަކެއް ކަމަށާއި އާ ލަވަތަކަށާއި އާ ރަހަތަކެއް ވަރަށް އަވަހަށް އެހުންތެރިންނާއި ބޭންޑްގެ ފޭނުންނާ ހަމަ އަށް ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ބޭންޑްގެ ވީޑިއޯ ލަވައެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަކީ ވެސް ހުވަފެނެއް ކަމަށް ބުންޏެވެ.
ފޮޓޯގްރެފީ: އަހުމަދު ޝުރާއު / އަވަސް
ރީޓަޗިން: އަހުމަދު ސައްފާހް / އަވަސް
ވޯޑްރޯބް: ޗެޕްސް