ލައިފްސްޓައިލް

ދަރިފުޅަށް ނުނިދިގެން އުޅެނީ ބުލީ ކުރާތީ ކަމަށް ވެދާނެ

Aug 14, 2017
4

ހުރިހާ ކުދިންނަކީ ސްކޫލްގައި ދިމާވާ ކަންތައްތައް ގެއަށް އައިސް މައިންބަފައިން އަދި އާއިލާގެ އެހެން މީހުންނާ ހިއްސާ ކުރާ ކުދިންނެއް ނޫނެވެ. ހާއްސަކޮށް މިޒާޖުގައިވެސް މަޑުމައިތރި އަދި ބަސްމަދު ކުދިންނެވެ. އެހެން ކަމުން މައިންބަފައިންވެސް ގިނަ ފަހަރަށް ކުދިން ލައްވާ އެ ވާހަކަތައް ދައްކުވާކަށް ނޫޅެ އެވެ. މުހިންމު ކަމެއް ނުވަތަ ކުއްޖާ ކަންބޮޑުވާ ކަމެއް އޮވެއްޖެނަމަ ކުއްޖާ އަމިއްލައަށް ބުނާނެ ކަމަށް ވިސްނާފަ އެވެ.

އެހެން ނަމަވެސް ކުއްޖާއަށް ރަނގަޅަށް ރޭގަނޑަށް ނުނިދެންޏާ އެއީ މައިންބަފައިން ވިސްނަން ޖެހޭ ކަމެެކެވެ. އެއީ ކުއްޖާއަށް ބުލީކުުރުމުގެ އަލާމާތެކެވެ. ސައިންސްވެރިން ނިކަން ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ބުލީ ކުރާކަމުގެ އެއް އަލާމާތަކީ ކުއްޖާއަށް ނިދަން އުނދަގޫވެ ނުނިދުމެވެ. ކުޑަ ކުދިންނަކީ އާންމު ދިރިއުޅުމުގައި ވިސްނާނެ ކަންތައްތައް ހުންނާނެ ކުދިންނެއް ނޫނެވެ. ސްކޫލް ނުވަތަ ބޭރުތެރެއިން ކަމެއް ދިމާނުވާ ނަމަ އެވެ.

ހަމައަށް ނުނިދުމުގެ ސަބަބުން ސްޓްރެސްވެ ކުއްޖާ ޑިޕްރެޝަންއަށް ދާން މަގުފަހިވެ އެވެ. އުމުުރުން އެންމެ ހަތް އަހަރުގެ ދަރިފުޅުވެސް ޑިޕްރެޝަންއަށް ހިނގައިދާނެ އެވެ. އެއީ ހަމައެކަނި ބޮޑެތި މީހުންނަށް ޖެހޭ ބައްޔެއް ނޫނެވެ.

ހޭލާ ހުންނަ ވަގުތުތަކުގައި ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުއްޖާއަށް ލިބޭ އަނިޔާތައް ހަނދާނުގެ ސިފައިގައި ނުވަތަ ހުވަފެނުގެ ސިފައިގައި ކުދިންނަށް އުނދަގޫކުރާ ކަމަށްވެ އެވެ. އެހެންވުމުގެ ސަބަބުން ކުދިންނަށް ނިދަން އުނދަގޫވެ ނުނިދޭގޮތްވެ އެވެ.

އެކަމާ ގުޅޭ ދިރާސާއެއް މީދާ ބޭނުންކޮށްގެންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބޮޑެތި މީދާތަކެއް އެކި ގޮތްގޮތުން އަނިޔާދީ ހެދި ކުޑަ މީދަލެއްގެ ހަރަކާތްތައް ސައިންސްވެރިންވަނީ ބަލައި ދިރާސާކޮށްފަ އެވެ. އޭގެ ނަތީޖާވެސް ދައްކާފައިވަނީ ހަމަ މި ގޮތަށެވެ.

އެހެންކަމުން ސައިންސްވެރިންވަނީ ކުދިންނާ ދޭތެރޭ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ކުއްޖާއާ ވާހަކަ ދައްކާ އެކުދިންނާ ވީހާވެސް ގާތް ގުޅުމެއް ގާއިމްކުތަން ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ކުދިންގެ އެންމެ ގާތް އެކުވެރިޔަކަށްވެ ވާހަކަތައް ހާސްކަމެއް ނެތި ހިއްސާކުރެވޭ މީހަކަށް މައިންބަފައިން ވެއްޖެނަމަ އެފަދަ ކަންތައްތަކުން ކުއްޖާ ދުރުވާނެ ކަމަށްވެ އެވެ.