ރިޕޯޓް

މައުމޫނުގެ ވެރިކަމުގައި ކުރިކަމަކީ ފަރުގޮއްވުން!

Nov 17, 2016
8

ރައީސް މައުމޫނަކީ ފަހަކަށް އައިސް ރައީސް ޔާމީނުގެ ސަރުކާރުން ކުރާ ބައެއްކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އައްޑޫ ސިޓީގެ މީދޫގެ ފުށްޓަރުފަރާތުން ނެރެއް ކެނޑުމަށްޓަކައި، ގޮވާތަކެތި ބޭނުންކޮށްގެން ފަރުން ތަންކޮޅެއް ގޮއްވުމުގެ ހުއްދަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފައިވަނިކޮށް ރައީސް މައުމޫން ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުގެ ދިރުން އާލާކޮށް، ރައްކާތެރިކުރަން ބޭނުންނަމަ އެފަދަ އަމަލުތައް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ފަރުގެ ދިރުންތަކާއި މުރަކަތަކަށް ގެއްލުންވާނެތީ މީގެ 10 އަހަރު ކުރިން ފަރު ގޮއްވުން ހުއްޓާލާފައިވާނެކަމަށެވެ.

ރައީސް މައުމޫނުއެވެ! އިބަގެ ޒަމާންވީ ވެރިކަމުގައި ކުރެއްވި އެއްކަމަކީ ފަރުގޮއްވައި ނެރުހެދުމެވެ. ހަމައެކަނި ރައްޔިތުންނަށްޓަކައެއް ނޫނެވެ. އިބަ ވެސް ރަށްރަށަށް އަރައި ފައިބައިވަޑައިގަތުމަށްޓަކައެވެ. މަސްވެރިންނާއި އޮޑިވެރިންގެ ފަސޭހައަށްޓަކައެވެ.

މީދޫގެ ރައްޔިތުން ފުއްޓަރުފަރާތުގައި ނެރެއް ހަދަން އެދުނީ އިއްޔެއަކު މިއަދަކު ނޫނެވެ. އިބަގެ ވެރިކަމުގައި އެ ނެރު ހައްދަވައިދެއްވާތޯ ރަށުގެ ވެރިން އިބައަށް އާދޭސް ދަންނަވައި ސަލާންޖަހަމުން ދިޔައެވެ. އެކަމެއް ނުވިއެވެ. މަސްވެރިންގެ އާދޭހަށް އިޖާބައެއް ނުލިބުނެވެ. ފަރުމަތީގައި ކަޅުބިލަމަސް ފުމެ ނަށަމުން ދިޔައިރު ދޮށިއަޅަން މަސްވެރިންނަށް އެދިމާއަށް ނުކުމެވޭ ގޮތެއް ނުވިއެވެ. މިއަދު މީދޫ ފުއްޓަރުފަރާތުގައި ނެރެއްހަދަން އުޅުމުން "ފަރުގެ ދިރުމޭ، މުރަތަކުގެ ނިމުމޭ، ތިމާވެށީގެ ގެއްލުމޭ،" ވިދާޅުވެ ފަތުވާ ނެރުއްވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

އިބަގެ ވެރިކަން ނިމުމުގެ ކުރިން ގޮއްވި ފަރުތަކުގެތެރޭގައި މީދޫ ފަރުވެސް ހިމެނުނުނަމަ، އެހެން ސަރުކާރެއްގެ ބޮލުގައި އެ "ގެއްލުން" ނޭޅުނީހެވެ. ތެދެކެވެ! ފަރު ގޮއްވުމަކީ ގެއްލުން ހުރި ކަމެކެވެ. "ދެރަށްދޭތެރެ" ބެއްދުމަކީ ގެއްލުން ހުރިކަމެކެވެ. ފަޅުފުންކޮށް ބަނދަރު ހެދުމަކީ ގެއްލުން ހުރިކަމެކެވެ. އެކަމަކު އެ ހުރިހާކަމެއް އިބަ ކުރެއްވިއެވެ. ތަރައްގީއަށްޓަކައި އެފަދަކަންތައްތައް މޫނުގައި އަތްއަޅައިގެން ތިބެ ކުރިމަގުގައި ވެސް ކުރަމުންދާނެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން މީދޫ ފަރުގޮއްވާލައިގެން މީދުން ނަގާނެ ސިޔާސީ މަންފާއެއް ނެތެވެ. އެހެނީ މުޅި އައްޑު އަތޮޅުން ރައީސް ޔާމީނަށް އެންމެ ގިނަ ބޮޑު ކާފު ލިބިވަޑައިގަތީ މީދޫންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މުޅި އައްޑުއަތޮޅުން އެންމެ މަދު ސިޔާސީ މަގާމުތައް ލިބިފައިވަނީ ވެސް މީދޫ މީހުންނަށެވެ. އެކަމަކު މީދޫ ފުއްޓަރުފަރާތުގައި ނެރެއް ހަދަނީ އަދި އެނެރު ފުން ކުރަނީ މަސްވެރިންނާއި އޮޑިވެރިންނާއި ދަތުރުވެރިންގެ ފަސޭހަށްޓަކައެވެ.

ނެރު ފުންކުރަން ތަންކޮޅެއް ގޮއްވުމުން ލިބޭ ތިމާވެށީގެގެއްލުމަށްވުރެ ނެރުހެދުމުން، މަސްވެރިންނާއި އޮޑިވެރިންނަށާއި ދަތުރުވެރިންނަށް އިގުތިސާދީ ގޮތުން ލިބޭ މަންފާ މާބޮޑެވެ. ހަމައެއާއެކު ގަންކަނޑަށް ހުޅުވިފައި ހުރި އޮއިދެމޭ ދޮރުތައް ރައީސް މައުމޫންގެ ވެރިކަމުގައި ތިމާވެއްޓަށް ބެލުމެއްނެތި ބައްދާލުމުން އަތޮޅުގެ އެތެރެވަރިއަށް ލިބުނު ގެއްލުމުގެ ފަރުވާއަކަށް ވެސް މީދޫ ނެރު ވެގެންދާނެއެވެ. އަތޮޅުގެ އެތެރެވަރީގައި ހުރި ކުނިތައް އެ ނެރުން ބޭރުވެގެން ދާނެއެވެ. އެމާއި އޮއިވަރު އެ ނެރުން އަތޮޅުތެރެއަށް ދެމިގެންދާނެއެވެ.

"މިއީ ފަރެއް ގޮއްވުމެއްނޫން! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހުޅުދޫ، މީދޫގެ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން ހުޅުވައިދޭ ދޮރެއް." ފަރުތަކާއި ތިމާވެށީގެ "ޑަކުތަރުކަން" ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ. "ތަރައްގީއަށްޓަކައި މީދޫގެ ފުއްޓަރުފަރާތުގައި ނެރެއް ހަދަނީ، ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށްފަހު ފަރަށް އެންމެ ގެއްލުން ކުޑަވާގޮތަކަށް."

ރައީސް މައުމޫން އެވެ! ފާޑުވިދާޅުވާށެވެ! ޓްވީޓް ކުރައްވާށެވެ! އިބައަށް ބައެއް ކަންތައްތައް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވައެވެ. އެކަމަކު 30 އަހަރު ގައުމުގެ ވެރިކަން ނުކުރިއަސް އިބައަށްވުރެ މޮޅަށް ތިމާވެއްޓާއި ފަރުތަކާ ބެހޭ ޢިލްމު ހާސިލު ކުރައްވައިގެން ތިއްބެވި ޑަކުޓަރުން މި ގައުމުގައި މިހާރު އެބަ ތިއްބެވިއެވެ. ފަރުން ތަންކޮޅެއް ގޮއްވާލައިގެން މީދޫގެ ތަރައްގިއަށް ނެރެއް ހެދުމުގެ ހުއްދަ އާއި ލަފާ ދިނީ އެ ބޭފުޅުންނެވެ.

* * *

މީދޫ ހިކަހެރަ ކައިރީގައި ނެރެއްހަދަން ފަރުގޮއްވުމާ ދެކޮޅަށް ވާހަކަދެއްކުމުން މީދޫ ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމަށެވެ.

ނެރު ކެނޑުމާ ދެކޮޅެއް ނޫން ކަމަށާއި ފަރު ގޮއްވުމާ ދެކޮޅުކަމަށް ރޮޒައިނާ ވިދާޅުވުމުން މީދޫ ރައްޔިތުންގެތެރެއިން އެތައް ބަޔަކު ރޮޒައިނާއާ ދެކޮޅަށް އަންގާރަދުވަހު ރަށުގައި ވަރުގަދަ މުޒާހަރައެއް ޖެއްސިއެވެ. އެ މުޒާހަރާގައި ރޮޒައިނާއާ ދެކޮޅަށް އަޑުއުފުލައި ސަރުކާރަށް ޝުކުރު އަދާކުރިއެވެ. ބައެއް މީހުން ރޮޒައިނާގެ އިސްތިއުފާއަށް ވެސް ގޮވައިހެދިއެވެ.

އޮންލައިން ނޫހެއްގެ ކިއުންތެރިއަކު ރޮޒައިނާއަށް ކޮމެންޓްކޮށްފައިވެއެވެ. "ރޮޒައިނާއަށް މީދޫ ފެންނަނީ މީދޫގެ ތަރައްގީއަށް ހުރަސް އަޅަން އެކަނި." އަދި އެހެން ކިއުންތެރިއަކު ރޮޒައިނާ ދެއްކެވި ވާހަކަފުޅާބެހޭ ގޮތުން ޚިޔާލުފާޅުކުރައްވާފައިވެއެވެ. "ގޮނޑިގެއްލެން ތައްޔާރުވާއިރު ފޮށިތަންމަތި ބަނުމަށް ރޮޒޭނާއަށް ގޮވައިލަމެވެ. ރައްޔިތުން ތިބީ ކޮންބަޔަކާއެކުކަން ނުފެނޭހެއްޔެވެ؟"

ރޮޒައިނާއާ ދެކޮޅަށް އަންގާރަދުވަހު މުޒާހަރާކުރި މީހުން ގެންގުޅުނު ލިއުންތަކުގައިވެއެވެ:
"މީދޫ ރައްޔިތުންގެ ބަދުނަސީބު، ރޮޒައިނާ."
"މި ނެރު ގޮއްވުމަކީ ހުޅުމީދޫގެ ތަރައްޤީއަށް ހުޅުވޭ މައިގޭޓް."
"ހުޅުމީދޫ ރައްޔިތުންގެ އިޙްސާސްތަކާ އެކަކުވެސް ކުޅެގެންނުވާނެ."
"ތަރައްގީއަށް ޖާގަދެއްވާ!"
"އަހަރުމެން ބޭނުންވަނީ ތަރައްގީ ޝުކުރިއްޔާ ރައީސް ޔާމީން."
"ރޮޒައިނާ އިސްތިއުފާ."

ރޮޒައިނާއާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަމުން ދިޔައީ ޕީޕީއެމް މެންބަރުން އެކަންޏެއް ނޫނެވެ. އޭނާ ހޮވަން ވޯޓުދިން އެމްޑީޕީ މީހުންވެސް އަޑުގަދަކޮށް އޭނާގެ އިސްތިއުފާއަށް ގޮވަމުންދިޔައެވެ. ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް ގެއްލުން ދޭން އާނއެކޭ ނުބުނާނޭ ކަމަށެވެ. ރާއްޖޭގެ ނާޒުކު ތިމާވެށި، އަގުހެޔޮގޮތް ހޯދުމަށް ހަލާކުކޮށްލާކަށް އެއްބަހެއް ނުވެވޭނެ ކަމަށެވެ.

ރޮޒައިނާ ލައްވާ އާނއެކޭ ބުނުވަންއުޅެނީ ކޮން ބައެއް ހެއްޔެވެ؟ ރާއްޖޭގެ ނާޒުކު ތިމާވެށި، އަގު ހެޔޮ ގޮތް ހޯދުމަށް ހަލާކުކޮށްލާން ރޮޒައިނާލައްވާ އެއްބަސް ކުރުވަން އުޅެނީ ކޮން ބައެއްހެއްޔެވެ؟

ފަރު ގޮއްވުމަކީ އޭގެ ޒާތުގައި ކުރަން ރަނގަޅު ކަމެކޭ އެކަކުވެސް ނުބުނެއެވެ. އެއީ ފަރުގެ ދިރުމަށް ލިބޭ ގެއްލުމާއި ފަރުގެ ޖިއޮލޮޖީއަށް ލިބިދާނެ ގެއްލުން ވަޒަން ނުކުރެވޭތީއެވެ. އެކަމަކު ފަރުން ތަންކޮޅެއް ގޮއްވިޔަސް ފަރުގެ ދިރުން އަލުން އިއާދަވާނެއެވެ.

އެޑިޓަރުގެ ނޯޓް

މިއީ ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީ އަވަސް އަށް ލިޔުއްވައި ދެއްވި ކޮލަމެކެވެ. އޭނާގެ "ދުރުމި" ކޮލަމަކީ ރާއްޖޭގެ ނޫސްވެރި ކަމުގައި އެކި ކަންކަމަށް ފާޑު ކިޔައި އަދި އެކި ކަންކަމުން އިބްރަތް ހާސިލު ކުރުމަށް ވަރަށް ގިނަ މައުލޫމާތު ގެނެސް ދީފައިވާ ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ހޯދާފައިވާ ކޮލަމެކެވެ. އަދި ދުރުމި ކޮލަމްގައި ފާޅު ކުރި ބައެއް ހިޔާލުތަކުގެ ސަބަބުން ސިޔާސީ ތަފާތު ކުރިތައް ފަޅައި ތަފާތު މަންޒަރުތައް ވެސް ރާއްޖެއިން ފެނިފައި ވެއެވެ.