ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ކިޔަވަންދާ ކުދިން މަދުވެދާނެ!

Nov 19, 2016

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޑޮނަލް ޓްރަމްޕުގެ ކެމްޕޭނުގައި މުސްލިމުންނާއި އެނޫންވެސް ގައުމުން ބޭރުގެ ބައެއް މީހުންނަށް އެމެރިކާއަށް ނޭރޭ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަފުޅު ދައްކާފައިވާތީ އެމެރިކާގެ ކޮލެޖްތައް މިހާރު އޮތީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. އެއީ ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އެމެރިކާއަށް ކިޔަވަންދާން ބޭނުންވާ ކުދިންގެ މެދުގައި "ބިރުވެރިކަމެއް" އުފެދިފައިވާތީ އެވެ.

ނިއު ޔޯކްޓައިމްސްގައި ޝާއިއު ކުރި ރިޕޯޓެއްގައި ބުނަނީ އިއްޔެ އިންޑިއާގައި ބޭއްވި ކޮލެޖް ފެއާއެއްގައި އެމެރިކާގެ ކޮލެޖްތަކަށް ވަނުމަށް ޝައުގުވެރިވެ، ޕްރެޒެންޓޭޝަންތަކުގައި ބައިވެރިވި ހުރިހާ ކުދިން ކަހަލަ ގޮތަކަށް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ދިއުން ރައްކާތެރިތޯ ސުވާލުކޮށްފައިވާ ކަމަށެވެ. އެ ފެއާގައި އެމެރިކާގެ 14 ކޮލެޖް ޔުނިވަސިޓީއަކުން ބައިވެރިވި އެވެ.

އަންނަ އަހަރު ފަށާ ކޯސްތަކަށް އެޕްލައި ކުރަން އަދި ދުވަސްތަކެއް ކުރިއަށް އޮތް ނަމަވެސް ކުދިންގެ މެދުގައި ޓްރަމްޕާމެދު އުފެދިފައިވާ ނުތަނަވަސް ކަމާދޭތެރޭ އެމެރިކާގެ ކޮލެޖްތައް ވަނީ ކަންބޮޑުވެފަ އެވެ. އެހެން ނަމަވެސް ނަތީޖާ ދިމާކުރަން އަދި މާ އަވަސް ކަމަށް ވެސް އެ ގައުމުގެ ކޮލެޖް އެޑްމިޝަން އޮފިޝަލުން ވިދާޅުވެ އެވެ. -- އެމެރިކާގެ ޔުނިވަސިޓީތަކުގެ ކޯސްތަކަށް އެދޭ އެޕްލިކޭޝަންތަކުގެ މުއްދަތު ފެބްރުއަރީގެ ނިޔަލަށް ހުޅުވާލާފައި އޮވެއެވެ.

"ފެއާއަށް ދިޔަ ގިނަ ކުދިން ވަރަށް ޝައުގުވެރިކަން އެބަހުރި ކޮލެޖްތަކަށް ވަނުމަށް. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެކުދިން މިވަގުތަށް ޖެހިލުން އެބަވޭ ދާން. ނޫނީ އެކުދިން ތިބީ ބިރުގަނެފައި،" އޮފިޝަލަކު ވިދާޅުވި އެވެ.

އެމެރިކާގެ ޔުނިވަސިޓީތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކިޔަވަންދާ ކުދިންގެ އަދަދު މިއަހަރު އެއް މިލިއަނަށް އިތުރުވެފައިވާއިރު، ކިޔަވާކުދިންގެ ފަރާތުން އެކަނިވެސް އެގައުމަށް ކޮންމެ އަހަރަކު 32 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެ އެވެ. އެހެންކަމުން ބޭރުން އެގައުމަށް ކިޔަވަންދާ ކުދިންގެ ނިސްބަތް ދަށްވެއްޖެނަމަ އެމެރިކާގެ އިގްތިސޯދަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. ހާއްސަކޮށް ކޮލެޖް ޔުނިވާސިޓީތަކަށް މާލީގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާނެ އެވެ.

މީގެ އިތުރަށް އެމެރިކާއަށް ނިސްބަތްވާ ބައެއް ދަރިވަރުންވެސް އެހެން ގައުމުތަކުގެ ޔުނިވަސިޓީތަކަށް ފާޅުކުރާ ޝައުގުވެރިކަން އިތުރުވަމުންދާކަން ބައެއް ގައުމުތަކުގެ ކޮލެޖްތަކުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ޓޮރޮންޓޯ އާއި ކެނެޑާގެ ދެ ޔުނިވަސިޓީއަކުން ވެސް ވަނީ އާންމުކޮށް އެ ޔުނިވަސިޓީތަކުގެ ވެބްސައިޓްތަކަށް ދުވާލަކު ޒިޔާރަތްކުރާ ހާހެއްހާ އެމެރިކާ މީހުންގެ ނިސްބަތް ފާއިތުވި ހަފްތާއެއްގެ ތެރޭގައި 30،000 އަށް އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ކިޔަވަންދާން ޖެހިލުންވާކަމަށް އެކި ގައުމުތަކުގެ ހިޔާލުފާޅުކޮށްފައިވާއިރު، ގިނަ ކުދިންގެ ކަންބޮޑުވުމަކީ، އެމެރިކާއަށް ދަތުރުކުރާ މުސްލިމުންނާ މެދު ފިޔަވަޅު އަޅާ ވާހަކަ ޓްރަމްޕް ދައްކަވާފައިވާތީ އެވެ. މިވާހަކަތަށް މިހެން އޮތް ނަމަވެސް އަދި ކެމްޕޭނުގައި ޓްރަމްޕްއަށް ސަމާލުކަން ހުއްޓުނު އެފަދަ ގިނަ ވާހަކަތައް ދައްކަވާފައިވީ ނަމަވެސް ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވި ވަގުތުން ފެށިގެން ޓްރަމްޕްގެ ރާގު ވަނީ ބަދަލު ކުރައްވާފަ އެވެ.