ވިޔަފާރި

ޓޫރިޒަމް ކޮންފަރެންސުގައި ދުނިޔޭގެ ބޮޑެތި މީޑިޔާތަކާއެކު ތަޖުރިބާކާރުން!

Nov 18, 2016

ބަނޑޮސް އައިލެންޑް ރިސޯޓުގައި ހޮނިހިރު ދުވަހު ބާއްވާ ރާއްޖޭގެ ފުރަތަމަ ޓްރެވަލް ކޮންފަރެންސުގައި ސީއެންއެން އާއި ޓީޓީޖީ އޭޝިޔާ ފަދަ މީޑިޔާތަކާއެކު ދުނިޔެ އާއި ރާއްޖޭގެ ޓޫރިޒަމްގެ އިސް ފަރާތްތައް ބައިވެރިވާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 44 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ބާއްވާ ޓްރެވަލް ކޮންފަރެންސް އިންތިޒާމުކުރާ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ބުނީ ހާއްސަ މި ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދައްކާނެ ބޭފުޅުންގެ ތެރޭގައި ސީއެންއެން އިންޓަނޭޝަނަލްގެ އިންޑިޔާ އާއި ދެކުނު އޭޝިޔާގެ ސޭލްސް ޑިރެކްޓަރު ސޮނާލީ ޗަތްރަޖީ އާއި ޓޫރިޒަމް ހަބަރުތައް އެންމެ ފުޅާކޮށް ގެނެސްދޭ ޓީޓީޖީ އޭޝިޔާ ސައިޓުގެ ސީނިޔަ ކަރެސްޕޮންޑެންޓް ފައިޒަލް ސަމްމަތުގެ އިތުރުން ރާއްޖޭގެ މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ސަނީ އުމަރު ވެސް ވާހަކަ ދައްކާނެ އެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުގެ އިސްވެރިންވެސް ބައިވެރިވެ އެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސުގައި ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު ކަމާއި ލަގްޒަރީ ޓްރެވަލް ޓްރެންޑަށް އަންނަ ބަދަލުތަކުގެ އިތުރުން ބަދަލުވަމުންދާ ޓޫރިޒަމް ދާއިރާއާ ބެހޭ ގޮތުން ތަޖުރިބާކާރުން ވާހަކަ ދައްކަވާނެ އެވެ. މީގެ އިތުރުން ޓޫރިޒަމްގައި ހުރި ފުރުސަތުތަކާއި ގޮންޖެހުން ތަކުގެ މައްޗަށް ވެސް އަލި އަޅުވާލާނެ އެވެ.

މަޓާޓޯ ބާއްވާ މި އިވެންޓުގެ އިތުރުން އޮޅުވެލި ބީޗް ރިސޯޓުގައި 20 ވަނަ ދުވަހުގެ މަޓާޓޯ ޓްރެވަލް އެވޯޑު ވެސް އޮންނާނެ އެވެ.