ނާވައިދޫ

ނަގޫ ރޯޅިއެއްގައި ނާވައިދޫއަށް ގެއްލުންތަކެއް ވެއްޖެ

ހދ، ނާވައިދޫއަށް ނަގޫ ރޯޅިއެއް އަރައި އެ ރަށަށް ގެއްލުންތަކެއްވެއްޖެ އެވެ. އެ ރަށަށް މިއަދު ނަގޫރޯޅިއެއް އަރާފައިވަނީ އިރުއޮއްސުނުގެ ވަގުތުގަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޒިޔާދު މުހައްމަދު މިރޭ ވިދާޅުވީ، އިރުއޮއްސުނު ވަގުތު އެރަށަށް ނަގޫ ރޯޅި އެރީ ރަށުގެ އިރުމަތިން ހުޅަނގު ދެކުނަށް ކަމަށެވެ. އެ ނަގޫރޯޅީގައި މީހަކަށް ގެއްލުމެއްވެފައިނުވި ނަމަވެސް ބައެއް ގޭގެއަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ.

އެގޮތުން އެ ރަށު ދެ ގެއެއްގެ ފުރާޅުގެ ބައެއް އެއްލައިލި އިރު ރަށުގެ ސިނާއީ ސަރަހައްދުގައި ފައިބަރު ދޯންޏެއް ބަނުމަށް ހަދާފައިހުރި ހަރުގެއެއް އެއްކޮށް އެއްލާލާފައިވެއެވެ. އިތުރަށް ބައެއް ގޭގައި ހުރި ބަނބުކެޔޮ ގަސްތައް ވެސް މުލުން ލުހި ބިމާ ހަމަވި އެވެ

ހޭޅިފަށުގައި ހުރި ބައެއް ބިޔަ ގަސްތަކާއި ރުއްތައް ވެސް ވެއްޓިފައިވާ ކަމަށާއި ނަމަވެސް ރޭގަނޑުވުމުން އެ ސަރަހައްދުގެ ހާލަތު އަދި ރަނގަޅަށް ބެލިފައިނުވާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.

މިއަދު ނަވައިދޫއަށް މޫސުން އޮތީ ބަނަކޮށެވެ. ހަވީރު ވާރޭ ވެސް ވެހިފައިވެ އެވެ.