ނަގޫރޯޅި އެރުން

ނަގޫ ރޯޅީގައި އައްޑޫން ގެއްލުންވި އާއިލާތަކަށް އެހީ ދެނީ

އައްޑޫ ސިޓީ، ހިތަދޫއަށް ރޭ އެރި ނަގޫ ރޯޅީގައި ލިބުން އާއިލާތަކަށް އެހީ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި ހިތަދޫއަށް ލިބުނު ގެއްލުންތައް ބަލާ އެކަމުގެ މައުލޫމާތުތައް ހޯދަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފޮނުވި ހާއްސަ ވަފުދު މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ވަފުފުން ބެލުމަށްފަހު ނަގޫރޯޅީގައި ގެއްލުން ލިބުނު ރައްޔިތުންގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި އަށް ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށެވެ. ކޮމެޓީގައި އިސްކޮށް ހުންނަވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އެ އާއިލާތަކަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ކިހާވަރެއްގެ އެހީއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެގޮތުން ހާލުގައި ޖެހުން ފަރާތްތަކަށް އެހީވާން ސަރުކާަރުން ނިންމާފައިވާއިރު އެ ފަރާތްތަށް ވަގުތީ ހިޔާއާއި ކާބޯތަކެތި ފޯރުކޮށްދޭނެ އެވެ.

ކޮމިޓީގައި ހިމެނޭ ކުންފުނިތަކާ ވުޒާރާތައް

  • އެމްއެންޑީއެފް
  • ފުލުސް އޮފީސް
  • އައްޑޫ ސިޓީ ކައުންސިލް
  • އެމްއާރްޑީސީ
  • ވެމްކޯ
  • އެސްޓީއޯ
  • ހައުސިން މިނިސްޓްރީ
  • ފެނަކަ

ރޭގެ ހާދިސާގައި ހިތަދޫގެ މެދު ދާއިރާގައި ހިމެނޭ 19 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތަކެއްވެފައެވެ. މީގެ ތެރެއިން 13 ގެއެއްގެ ފުރާޅު އެއްލާލުމާއި، ސީލިން ހަލާކުވުމާއި ހިފާ ގެންގުޅޭ ތަކެތި ހަލާކުވުންފަދަ ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

މެޓް އޮފީހުން ވަނީ އެހެން ސަރަހައްދުތަކަށް ވެސް ނަގޫ ރޯޅި އަރާފާނެ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފަ އެވެ.