ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭ އިން ރޭ ބުނީ ވިއްސާރައިގައި ގެއްލުން ލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ވިލަރެސް ކުރަމުންދާ ކަމަށެވެ.
އެ ގޮތުން ވިއްސާރައިގައި ޅ. ކުރެންދޫގެ 70 ވަރަކަށް ގެއަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ލިބުނު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
އެންޑީއެމްއޭ އިން ބުނީ ކުރެންދޫގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެ އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާޢި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކައުންސިލްއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ވިއްސާރައިގައި އިއްޔެ ދ. ބަނޑިދޫއަށް އައި ކޮޅިގަނޑެއްގައި ގެއެއްގެ ބަދިގޭގެ ފުރާޅުން ބައެއް ވަނީ އެއްލާލައިފަ އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަދިގެ ތެރޭ ފެންބޮޑުވެ ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި ބަދިގޭގެ ފުރާޅު މަރާމާތު ކުރުމަށާއި ބަދިގެ ބޭނުން ކުރުމަށް ވަގުތު ނަގާނެތީ، އެ ގޭގައި ދިރިއުޅޭ ހަތް މީހުންނަށް ބޭނުންވާ އެހީތެރިކަން ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ވިއްސާރައިގައި އިއްޔެ އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިންގަށް ފެން އެޅުމުގެ ސަބަބުން ސީލިން ވަނީ ވެއްޓިފަ އެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.