އެމްއެންޑީއެފް

މޫސުން ގޯސްވެ ނުވަ ރަށަކަށް ގެއްލުންވެއްޖެ

މޫސުން ގޯސްވެ ނުވަ ރަށަކަށް ގެއްލުންވެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެގެންނާއި ވައިގަދަވުމުން ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އުދަ އަރައިގެން ނުވަ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އުދައިގެ އަސަރުކުރި ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ށ. ކޮމަންޑޫ އާއި ބ. މާޅޮހާއި ޅ. ނައިފަރު ހިމެނެ އެވެ. މީގެ އިތުރުން ހއ. އިހަވަންދޫ އާއި ކ. މާފުއްޓާއި ކ. ހުރާ އަދި އއ. ފެރިދޫއަށްވެސް ވަނީ އުދަ އަރާފަ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުންނާއި އުދަ އެރުމުން ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

އެންޑީއެމްއޭ އިން ބުނީ ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި ގަސްތައް ވެއްޓި ގެއްލުން ލިބިފައިވާ ކަމަށެވެ.

އއ. ފެރިދޫގައި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި މީހުންނަށް އެ ރަށު ކައުންސިލުން ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.