މޫސުން

ރޭގެ ވިއްސާރައިގައި ހަތަރު ރަށެއްގެ 69 ގެއަކަށް ފެން ވަދެ ގެއްލުންވެއްޖެ

އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި ހަތަރު ރަށެއްގެ 69 ގެއަކަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ -- އެންޑީއެމްއޭ އިން މިއަދު ބުނި ގޮތުގައި ރޭ ކުރި ވިއްސާރައިގައި ކުޅުދުއްފުށި ސިޓީގެ 57 ގެއަކަށް ފެން ވަދެ ވަނީ ގެއްލުންވެފަ އެވެ.

ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ފަސް ގެއަކުން މީހުން ބަދަލުކުރަންޖެހުނު ކަމަށްވެސް އެންޑީއެމްއޭ އިން ބުނެ އެވެ.

ރޭ ކުރި ވިއްސާރައިގައި ހއ. ހޯރަފުށީގެ ދެ ގެއަކަށް ފެން ވަދެ ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން ށ. ފީވަކުގެ ފަސް ގެއަކަށް އަދި ށ. ނޫމަރާގެ ފަސް ގެއަކަށް ފެން ވަދެ ގެއްލުންވެފައިވެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ގެއްލުން ލިބިގެން ވަނީ އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފަ އެވެ.