ރައްޔިތުންގެ މަޖިލިސް

ކުރަހާފައި ހުންނަ ވޯޓު ބާތިލްވާ އިސްލާހު ބޭރުކޮށްލައިފި

Nov 22, 2016
1

ވޯޓް ކަރުދާހުގައި ކުރަހައި ލިޔެ ހަދައިފިނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ. މި އިސްލާހު ބޭރުކޮށްލާފައި ވަނީ އިސްލާހަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ތާއީދުކުރައްވާފައި ވަނިކޮށެވެ.

އިންތިހާބުތަކާބެހޭ ގާނޫނަށް ހުށަހެޅި މި އިސްލާހަށް ވޯޓަށް އެހުމުން ފާސްކުރަން ނުކުފެންނަ ކަމަށް 43 މެންބަރުން ވޯޓް ދެއްވި އެވެ. ފާސްކުރުމަށް ތާއީދުކުރެއްވީ 24 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ތިއްބެވީ ދެ މެންބަރުންނެވެ. އިސްލާހު ފާސް ނުވުމުގެ އެ ބިލުގެ ދައުރު މަޖިލީހުގައި ނިމުނީ އެވެ.

ފާސް ނުވި އެ އިސްލާހަކީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވެވި ބިލެކެވެ. އެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަޖަހާފައިވާ ވޯޓު ކަރުދާސް ބަލަން ވާނީ ސައްހަ ވޯޓު ކަރުދާހުގެ ގޮތުގައި ކަމަށެވެ. އަދި ވޯޓް ކަރުދާހުގައި އިންތިހާބު ކުރަން ޖެހޭ ކެންޑިޑޭޓުންނަށް ވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ އެ ރަނގަޅު ފާހަގަ ގުނަންވާނީ ސައްހަ ވޯޓުގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައި ކަމަށެވެ.