ހަބަރު

65 ވުމުން ކައުންސިލަށް ކުރިމަތިނުލެވޭ އިސްލާހަށް ތާއީދެއް ނެތް

Nov 23, 2016
  • އުމުރުން ދުވަސްވުމުން ހައްގެއް އުނިވެގެން ނުވާނެ
  • ހީލަތްތެރި ރޭވުމެއް ކަމަށް ތުހުމަތު ކުރި
  • ޕީޕީއެމްގެ މެންބަރުންގެ ތާއީދެއް ވެސް ނެތް

އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. އެހެން ނަމަވެސް އެ އިސްލާހަށް ތާއީދެއް ނެތްކަން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ ތަޅުމުގައި ހާމަ ކުރައްވައިފި އެވެ.

ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު މިއަދު މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު މަޖިލީހަށް ބަލައި ގަތުމަށް ބޭއްވި ބަހުސްގެ މަރުހަލާގައި ޕީޕީއެމްއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ އުމުރުން ދުވަސްވީ ފަރާތްތަކަކީ ހަމައެކަނި މިސްކިތްތަކުގައި ތިބެން ޖެހޭ ނޫނީ ގޭގެއަށް ސޮލުވާތްފުޅު ކިޔަވަން ދާ ބަޔެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ވެސް ގައުމަށް ހިދުމަތް ކުރަން ރަށަށް ހިދުމަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިފަދަ އިސްލާހެއްގެ ސަބަބުން ޕީޕީއެމްއާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ކުރިމަތިވާނެ ކަމަށް ވެސް މެންބަރު ލަތީ ވިދާޅުވި އެވެ.

"މިފަދަ ބިލްތަކުގެ ސަަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު ނުތަނަވަސްކަން އުފެދިގެން ދާނެ. ރަށްރަށުގައި އެބަ ތިއްބެވި ހަމަ އުމުރުން ދުވަސްވީ ބޭފުޅުން ރަށަށް ހިދުމަތް ކުރައްވަމުން ގެންދަވާ. އެ ހައްގު އެބޭފުޅުންނަށް ހަނިވެގެން ނުވާނެ. މިބިލް ބަލައިގަންނަން ވެސް އަޅުގަނޑަށް ނުފެނޭ،" ސުޖާއު ވިދާޅުވި އެވެ.

ޕީޕީއެމްއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، އެ ބިލް ސުޖާއު މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕީޖީގައި ވެސް އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި އެ ހައްގު ހަނި ކުރުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި އުމުރުން 65 އަހަރުން މަތީގެ އެތައް ބަޔަކު މިހާރު ވެސް ގައުމަށް ހިދުމަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހައްގު ބަންދު ކުރެވިފައި އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް މެންބަރު ރިފާއު ވިދާޅުވި އެވެ.

ސަރުކާރަށް ނިސްބަތްވާ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ ވިސްނުން ހާމަ ކުރައްވަމުން ވިދާޅުވީ ހަމައެކަނި ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހެއް ގެންނަން އޭނާ ތާއީދު ނުކުރައްވާ ކަމަށާއި ކޮންމެ އިންތިހާބަކަށް ވެސް ކުރިމަތި ލެވޭނެ އެއް އުސޫލެއް ގެންގުޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ އިންތިހާބަކަށް ކުރިމަތިލުމަށް އެއް ޝަރުތުތަކެއް ކަނޑައެޅުމަށް ސީދާ ގާނޫނު އަސާސީއަށް ބަދަލު ގެންނަން އޭނާ ގޮވާލެއްވި އެވެ.

"ވަކިވަކިން މިގޮތަށް ގާނޫނުތަކަށް ބަދަލު ގެނަންނަ އަޅުގަނޑު ތާއީދެއް ނުކުރަން. މިއަށް ވުރެ ފުޅާކޮށް އަޅުގަނޑުމެން ވިސްނާ ރައްޔިތުން މަޖިލީހަށް ކުރިމަތިލާން ވިޔަސް އެއް އުސޫލުތަކެއް ބޭއްވުމަށް އަޅުގަނޑު ތާއީދު ކުރަނީ،" ޝާހު ވިދާޅުވި އެވެ.

އެމްޑީޕީ އަށާއި ޖޭޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އެ ބިލާ ގުޅިގެން ސަރުކާރުން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް ތަޅުމުގައި ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. އެގޮތުން ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ގާނޫނު އަސާސީ އިން ކަށަވަރު ކުރާ ހައްގެއް އުނިކުރެވޭނީ ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި އެކަން ކުރާ އުސޫލުން ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމެއްގައި 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތި ނުލެވޭ އުސޫލެއް ނޯންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިއީ އުމުރުން ދުވަސްވީ މީހުންނަށް ވެވޭ ބޮޑު ބޭ އިންސާފެއް ކަމަށާއި މިއީ އަނެއްކާ ވެސް ބައެއްގެ ހައްގުތައް މަޖިލީހުން ނަގާލުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"މި ބިލަށް އެއްވެސް ވަރަކަށް އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ. މިއީ އަނެއްކާ ވެސް ރޭވުމަކުން ހައްގުތައް ނަގާލަން ވައްދައިގެން އުޅޭ ބިލެއް،" ރިޔާޒު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު، ރޮޒޭނާ އާދަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތައް ފޭރި ގަންނަ ތަނަކަށް ހަދައިފި ކަމަށާއި މިކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އިންތިހާބުތަކުން އެއްވެސް ބަޔަކު މަހުރޫމުކުރުވަން ތާއީދު ނުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އެ ބިލް ހުށަހެޅުއްވި މެންބަރު ވިދާޅުވީ، އެ އިސްލާހު ހުށަހެޅުއްވީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ނުވަތަ ބޭރުކޮށްލަން މިއަދު 1:30 ގައި ވޯޓަށް އަހާނެ އެވެ.