ހަބަރު

ބަޖެޓަށް 18 އިސްލާހެއް ބަހުސް މިއަދު ފަށަނީ

Nov 23, 2016
  • ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށައެއް ނާޅާ
  • ގިނަ އިސްލާހުތަކެއް އެމްޑީޕީ މެންބަރުން
  • އެލަވަންސްތައް ބޮޑުކުރުމުގެ އިސްލާހުތައް ގިނަ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކޮށް ކޮމިޓީ އިން ފޮނުވި ރިޕޯޓަށް 18 އިސްލާހެއް މިއަދު ހުށަހަޅައިފަ އެވެ. އަދި ބަޖެޓަށް ބަހުސް ކުރުން މިރޭ 7:00 އަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.

އެންމެ އިސްލާހެއް ފިޔަވައި އެހެން ހުރިހާ އިސްލާހުތަކެއް ބަޖެޓަށް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ. ޖޭޕީގެ ފަރާތުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުށަހެޅުއްވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކަންކަން ތަރައްގީ ކުރުމަށް އިތުރު ދެ މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖެއްސުމަށް ހުށަހެޅި އެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައި ވަނީ، މަޖިލީހުގެ އިދާރާގެ ބަޖެޓުން 300 މިލިއަން ރުފިޔާ އުނިކޮށް ސްކޫލް މަސައްކަތުގެ މީހުންގެ މުސާރައިގެ ބަޔަށް އެ ފައިސާ ހިމެނުމަށެވެ. އަދި ރައީސްގެ ރަސްމީގެކޮޅުގެ ބަޖެޓުން ފަސް މިލިއަން ރުފިޔާ އުނިކޮށް، ފެމިލީ ޕްރޮޓެކްޝަން އެޖެންސީގެ ބަޖެޓަށް ބަދަލު ކުރުން ހިމެނެ އެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވީ، ރައީސްގެ ރަސްމީގެކޮޅުގެ ބަޖެޓުން، ހަތް މިލިއަން އުނިކޮށް ސިވިލް ސާވެންޓުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސުމަށެވެ.

ދެން ހުރި ހުރިހާ އިސްލާހެއް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 5،000 ރުފިޔާއަށް ބޮޑު ކުރުމާއި ވަޒީފާ ނެތް މީހުންނަށް 2،000 އެލަވަންސެއް ދިނުން އަދި އެންމެ ކުޑަ އުޖޫރަ، ނޫނީ މިނިމަމް ވޭޖެއް މިއަހަރު ނިމުމުގެ ކުރިން ދިނުމެވެ. އަދި ކޮންމެ ތިން މަހަކުން އެއް މަހު ބަޖެޓް އިމްޕްލިމެންޓޭޝަން ރިޕޯޓެއް ފިނޭންސުން ހުށަހެޅުމާއި ކަރަންޓާއި ފެނުގެ ހިދުމަތްތަކުގެ އަގު މާލެ އެކޭ އެއް އަގެއްގައި އަތޮޅުަތަކުގައި ދިނުން އަދި އާ ޓެކްސް ތައާރަފް ކުރާ އިރު ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.

ބަޖެޓް ރިޕޯޓަށް ބަހުސް ކުރުން މިރޭ 7:00 ގެ ނިޔަކަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މާދަމާ ބަޖެޓް ފާސް ކުރުމަށް ޖަލްސާ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ކޮމިޓީއިން އެ ބަޖެޓު ދިރާސާކޮށްފައިވާ އިރު އެ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ބަޖެޓުގައިވާ ގޮތުން ޕީއެސްއައިޕީއަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. އަދި ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.