ގައުމީ ކަންކަމުގައި ރައްޔިތުންނަށް ގިނަ ފަހަރު އިސްކުރެވެނީ ޕާޓީގެ ވިސްނުން ކަމަށާއި އެކަން ބަދަލުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި ގައުމަށް ކުރިއެރުން އަންނަ ކަންކަމުގައި އެ ގައުމެއްގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުންވެސް އެއްބާރުލުންދޭ ކަމަށެވެ.
ރާއްޖޭގައި އެ ހިސާބާ ގާތަށްވެސް ނުދާ ކަމަށާއި މާބޮޑަށް ސިޔާސީވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ޕާޓީ ލައިނުން ވަރަށް ބޮޑަށް އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ޕާޓީ ލައިން ނަގަނީ ކަންކަމުގައި. ތަރައްގީގެ ވިސްނުމެއް ނޫން. ގައުމަށް ފައިދާ ހުރި ކަންކަމެއް ނޫން. އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިދިކޮޅުން މަސައްކަތް ކުރަމުން ދިޔައީ މުޅިން އެހެން ފަރާތެއްގެ މަސްލަހަތުތަކެއް ހިމާޔަތްކުރުމަށެވެ.
ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްޗަކަށްވާއިރު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެންބަރުން މުހިންމު ދައުރެއް އަދާކުރާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓު ހެދުމުގައި މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ލިބުނީ 10 ވަރަކަށް ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށަކަށްވި ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް ބަޖެޓު ފާސްކުރީ ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށެވެ.
"އެ މަޝްރޫއުތަކުގެ ތެރެއިން ބައެއް ކަންކަން ހިމަނައިދިނީ. އަނެއްބައި ކަންތަކެއް ނުއެއް ހިމަނާ. ހިމެނި ކަންކަމުގައި މަސައްކަތް ފެށޭ ވަރަކަށް ފައިސާއެއް ނުހިމަނާ. ހިނގަމުން ގޮސް ހުއްޓިފައި ހުރި މަޝްރޫއުތައް ފަށަން އެ މަޝްރޫއުތައް ނިންމޭ ވަރަކަށް ފައިސާއެއް ނުހިނަމާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.