އިބްރާހިމް އަމީރު

ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭނގުމަކީ ދެރަ ކަމެއް: އަމީރު

ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު ބަޖެޓުގައި އޮތް އެއްޗެއް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަތުމަކީ ދެރަ ކަމެއް ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަސް ޕަސެންޓް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް އެނގިވަޑައިނުގަތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވާއިރު ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. ލާމަރުކަޒީ ގާނޫނާއި ހިލާފަށް، ލާމަރުކަޒީ ގާނޫނު ފުނޑާލަން، ކައުންސިލްތަކުގެ ބަޖެޓް ކުޑަކޮށް މަޖްލިސްއަށް ފޮނުވިއިރު، އޭގައި އޮތް އެއްޗެއް ނޭނގުމަކީ ދެރަކަމެއް،" އަމީރު ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން އަމީރު ވަނީ މިދިޔަ އެއް އަހަރު ތެރޭގައި ސަރުކާރުން އިއުލާންކުރި ގިނަ ކަންތައްތައް ފަހުން ބަދަލުކުރަން ޖެހުމުން ބޮޑެތި ކަންތައްތައް ނިންމާއިރު ރަނގަޅަށް ބަހުސް ނުކުރެވޭކަން ދޭހަކޮށްދޭ ކަމަށެވެ.

"ނިންމާ ނިންމުންތަކުން ރައްޔިތުންނަށް ކުރާނެ އަސަރެއް ދިރާސާކުރެވި ދަނެގެނެވިފައި ނުވާކަން. އަބަދު އާ ރަށުގައި މަޖާކުރަން އުޅުނީމާ ގިނަ ކަންކަން އަތުން ދޫވެގެންދާ ތަން މި ފެންނަނީ،" އަމީރު ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓާމެދު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ގޮތުން ކައުންސިލްތަކުގެ ބްލޮކް ގްރާންޑް ކުޑަކޮށްފައިވާކަން ފާހަގަކޮށް މޭޔަރުން ވަނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް ވިދާޅުވެފަ އެވެ.