ބަޖެޓް 2024

ކޮމިޓީން ގެނައި އިސްލާހުތަކާއެކު އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ބަޖެޓް ކޮމިޓީން ގެނައި އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓު ވަނީ 49.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.6 ބިލިއަން ރުފިޔާ ހިމެނި ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ޕީއެސްއައިޕީއަށް އިތުރު މަޝްރޫއުތަކެއް ހިމަނާ ތަރައްގީގެ މަޝްރޫއުތަކުގެ ބަޖެޓް 8.9 ބިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.

މީގެ އިތުރުން ރައީށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ހިމެނި 400 މިލިއަން ރުފިޔާ ވަނީ އެހެން މަޝްރޫއުތަކަށް ކަނޑައަޅާފަ އެވެ.

ދައުލަތަށް އަންނަ އަހަރު އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ އަންދާޒާކޮށްފައިވެ އެވެ.