ދައުލަތުގެ މިއަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ސަޕްލިމެންޓަރީ ބަޖެޓުގެ އަދަދު އިތުރުކުރުމުން މިއަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާއަށް އިތުރުވެ އެވެ.
މިއިތުރުވުމާ އެކު ބަޖެޓް ޑެފިސިޓްވާ އަދަދު 16.3 ބިލިއަން ރުފިޔާއިން 18.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓާ އެކު މިއަހަރުގެ ބަޖެޓްގެ އާމްދަނީ 36.4 ބިލިއަން ރުފިޔާއަށް އަރާއިރު ރިކަރަންޓް ހަރަދު ހުންނަނީ 36.3 ބިލިއަން ރުފިޔާ ގައެވެ. ކެޕިޓަލް ހަރަދު 19 ބިލިއަން ރުފިޔާގައި ހުންނައިރު ބަޖެޓު ފައިނޭންސިން 19 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ބަޖެޓް ފައިނޭންސިންގައި ބޭރު ލޯނުގެ އެހީގެ ގޮތުގައި ދައުލަތަށް ހޯދަން ކަނޑައަޅާފައިވާ 1.4 ބިލިއަން ރުފިޔާއާއި ޑޮމެސްޓިކް މާކެޓުން ހޯދަން ކަނޑައަޅާފައިވާ ތިން ބިލިއަން ރުފިޔާ ހިމެނެ އެވެ.
މީގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓާ އެކު ސްޓޫޑެންޓް ލޯނަށް ކަނޑައޅާފައިވާ އަދަދު އެއް ބިލިއަން ރުފިޔާއަށް އިތުރުވެ، ކުންފުނިތަކުގެ ހަރަދު 2.1 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމާ ހަވާލުުވެވަޑައިގެންނެވި މޫސާ ޒަމީރު އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ ދައުލަތުގެ ބަޖެޓު ހުސްވެގެން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ މަޝްރޫއުތަކަށް އާދަޔާ ހިލާފު ކުދި އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓް ތައްޔާރުކޮށްފައި ހުރުމުންނެވެ.
ޒަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ފިޔަވަަޅުތަކަށް ބަލައި، ބަޖެޓުކޮށްފައިވާއިރު އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވާ ކަމަށާއި 2023ގެ ހިސާބުތައް އެކައުންޓް ކުރުމުގައި ބޮޑެތި އަދަދުތަކުން ފަރަގު ހުރި ކަމަށެވެ.